އެމްއެމްއޭ އިން ބޭރު ފައިސާގެ ރިޒަރވް ރިކުއަރމަންޓް %5 އަށް ދަށްކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) %7.5 އިން %5.0 އަށް ދަށްކޮށްފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ 24 ޖުލައި 2025 ގައެވެ. މި ބަދަލު ގެނެސްފައި ވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަންޏެވެ. މިއީ އޮކްޓޯބަރު 2024 ގައި އެމްއެމްއޭ އިން މިފަދަ ލިކުއިޑިޓީގެ ދަތިކަމަކަށް ޙައްލު ހޯދުމަށް އެމްއާރްއާރް %10 އިން 7.5% ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. އެހެން ނަމަވެސް، އެމްއެމްއޭ އިން ވަނީ ރުފިޔާގެ ރިޒަރވް ރިކުއަރމަންޓަށް ބަދަލެއް ނުގެނެސް 10% ގައި ހިފަހައްޓާފައެވެ.
އެމްއާރްއާރް އަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަޞީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ. ވުމާއެކު އެމްއާރްއާރް އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ. އަދި އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް އެމްއާރްއާރްގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ.
އެމްއެމްއޭއިން ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މީގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެއެވެ.
އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެއެވެ. މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމާއެކު ބޭންކިންގ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްއެމްއޭ އިން މަސައްކަތްކުރެއެވެ.
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް (އެމްއާރްއާރް) ދަށްކުރުން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް (އެމްއާރްއާރް) 7.5% އިން 5.0% އަށް ދަށްކޮށްފިއެވެ. މި ބަދަލު ޢަމަލުކުރަން ފަށާނީ 24 ޖުލައި 2025 އިން ފެށިގެންނެވެ.
މި ބަދަލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުމެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ރިކަވަރީ ރަނގަޅުވެފައިވީ ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި މުޅި އިޤްތިޞާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރ ލުއިކޮށްދިނުމެވެ.
1.މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް (އެމްއާރްއާރް) އަކީ ކޮބާ؟
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގައި ރިޒަރވްގެ ގޮތުގައި – ރުފިޔާ ނުވަތަ ބޭރު ފައިސާއިން – ބަހައްޓަންޖެހޭ އިންސައްތައެވެ. މި ރިޒަރވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި ބެހެއްޓޭ ފައިސާއެވެ.
-
އެމްއެމްއޭ އިން ބޭންކުތަކަށް ރިޒަރވް ބެހެއްޓުމަށް ލާޒިމުކުރަނީ ކީއްވެ؟
އެމްއާރްއާރް އިން ކަށަވަރުކުރެވެނީ،
- ސެންޓްރަލް ބޭންކް (އެމްއެމްއޭ) އަށް އިޤްތިޞާދުގައި ދައުރުވާ ފައިސާގެ އަދަދު ކޮންޓްރޯލްކުރެވުން•
- ކްރެޑިޓް ދޫކުރުމުގެ ކުރިއެރުމާއި އަގުތައް މައްޗަށް ދިއުން ހިފެހެއްޓުން
މިއީ ދުނިޔޭގެ ހުރިހާ ސެންޓްރަލް ބޭންކުތަކުން ވެސް ފައިސާގެ ސިޔާސަތު ބެލެހެއްޓުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ.
-
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެމްއާރްއާރް ދަށްކުރީ ކީއްވެ؟
އެމްއާރްއާރް ދަށްކުރުމުން ބޭންކުތަކަށް ރިޒަރވްގެ ގޮތުގައި މަދު އަދަދެއް ބަހައްޓައި، ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ނުވަތަ ބޭނުންކުރުމަށް ލިބިގެންދެއެވެ. މިކަމުން އަންނަނިވި ކަންކަމަށް އެހީތެރިވެދެއެވެ.
- ބޭރު ފައިސާގެ ދަތިކަން ލުއިކުރުން•
- ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި ފަރުދުންނަށް (މިސާލަކަށް އިމްޕޯޓަށް، ބޭސްފަރުވާއަށް ދަތުރުކުރުމަށް، ބޭރުގައި ކިޔެވުމަށް) އެހީތެރިވުން•
- މުޅި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުން
-
މި ބަދަލުގެ އަސަރުކުރާނީ ކޮން ޑިޕޮސިޓްތަކަކަށް؟
މި ބަދަލުގެ އަސަރުކުރާނީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށެވެ. މައިގަނޑު ގޮތެއްގައި މިއީ އެމެރިކާ ޑޮލަރުންހުރި ޑިޕޮސިޓްތަކެވެ. ރުފިޔާގެ ޑިޕޮސިޓްތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. އަދި އެ ޑިޕޮސިޓްތަކަށް މިހާރު ކަނޑައެޅިފައިވާ އެމްއާރްއާރް އޮންނާނީ ކުރިން އޮތް މިންވަރުގައެވެ.
-
އެމްއާރްއާރް ބެލެންސްތަކަށް ބޭންކުތަކަށް އެއްވެސް ފައިދާއެއް ލިބޭތަ؟
އާނއެކެވެ. އެމްއެމްއޭ އިން، ރުފިޔާގެ ރިޒަރވް ބެލެންސްތަކަށް އަހަރަކު 1% ގެ އިންޓްރެސްޓް ދެއެވެ• އެމެރިކާ ޑޮލަރުގެ ރިޒަރވް ބެލެންސްތަކަށް އަހަރަކު 0.01% ގެ އިންޓްރެސްޓް ދެއެވެ. މިކަމުން ބޭންކުތަކަށް ފައިސާ ބޭނުންނުކޮށް ބެހެއްޓުމުގެ ޚަރަދު އަނބުރާ ހޯދުމަށް އެހީތެރިވެދެއެވެ.

