ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިގްތިސާދީ ހެޔޮ ބަދަލުތަކަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖެއަކީ ވަކި ބަޔަކު ބުނާހާ ކަމެއް ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން ކަންކަން ކުރާނީ، އެކަމަކީ ރާއްޖެއަށް ފައިދާ ހުރި ކަމެއްކަމަށް ވާނަމަ، ދިވެހިންނަށް ފައިދާވާނެ މިންވަރަކަށެވެ. އަދި އެބަޔަކު އެދޭ ކަމެއް ނޫނިއްޔާ އެޑިމާންޑް ކުރާ ކަމެއް ނަމަވެސް، އެކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތޯ ބަލައި، އެމިންވަރަކަށް ބަލައިގަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ދިވެހިރާއްޖެއާ ދޭތެރޭގައި ހިޔާލު ތަފާތުވަނީ، ރާއްޖެއިން އެހެން ފަރާތްތަކުން ބުނާހާ ގޮތެއް ނުހަދާތީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެކަމަކީ އެމަނިކުފާނަށް އެއްވެސް ވަރަކަށް ކަންބޮޑުވުން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމުގެ ސިޔާދަތީ މިނިވަންކަމާއި ބާރު ޔަޤީންކޮށް، މިނިވަންކަން ހިމާޔަތްކުރުން ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިސާލަކަށް ހަމަ އެންމެ މުހިންމު ދާއިރާ އިގްތިސާދީ ދާއިރާއަށް ބަލާއިރު އަބަދުވެސް މި އޮންނަނީ މިސާލެއްގެ ގޮތުގައި ހަމަ އަޅުގަނޑު ދަންނަވައިލާނަން ވަކިވަރަކަށް ވުރެ ދަރަނި އިތުރު ވީމަ ގިނަ ގައުމުތަކަށް މަޖުބޫރުވެގެންދޭ އިންޓަނޭޝަނަލް ބޮޑީތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން.. އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން އަދި އެކަން އެ އޮތީ މިހާރު ރަސްމީކޮށް އަޅުގަނޑުމެން ނިންމާފަ ވެސްމެ.. އަޅުގަނޑުމެން މިކަހަލަ ޕްރޮގްރާމްތަކުގެ ބައިވެރިއެއް ނުވާނަމޭ
އިޤުތިޞާދީ ދާއިރާއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ދަރަނި އިތުރުވުމުގެ ސަބަބުން ގިނަ ގައުމުތަކަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަނީ، ދިވެހިރާއްޖެއިން މިކަހަލަ ޕްރޮގްރާމްތަކުގެ ބައިވެރިއެއް ނުވާނެކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައިކަން ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިނުވުމުން، ދިވެހިރާއްޖެ އަޅުވެތި ނުވެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކުރިއަށް ދެވޭނެ މަގުތަކެއް ފަހިވާނެއެވެ. ދިވެހިރާއްޖެއިން ކުރިއަށްދާނީ ”ހޯމް ގްރޯން ރިފޯމް އެޖެންޑާ“ ނުވަތަ އަމިއްލަ އިގްތިސާދީ ރިފޯމް އެޖެންޑާއެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

