ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ރިސޯޓުތަކަށް ޖުމުލަ 932،504 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 73.1 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމުލަކޮށް އައިސްފައިވަނީ 1،276،242 ފަތުރުވެރިންނެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އައި އަދަދަށްވުރެ 9.5 އިންސައްތަ އިތުރު އަދަދެއްކަމަށްވާއިރު ޖުލައި މަހުގެ 1 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށާް އައި ފަތުރުވެރިންގެ އަދަދު ނިމިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 11.8 އިންސައްތަ އިތުރުކަން ފެނިގެންދެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު 22.1 އިންސައްތަ އައިސްފައިވަނީ ގެސްޓް ހައުސްތަކަށް ކަން ފާހަގަކުރެވެއެވެ. އެންމެ ގިިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ މާކެޓުގެ ހިއްސާއަކީ ޖުމުލަ އަދަދުގެ 14.5 އިންސައްތައެވެ. 11.8 އިންސައްތަ މީހުން އައިސްފައިވަނީ ރަޝިއާއިންނެވެ.

