ރާއްޖޭއަށް އަމްދަނީ ހޯދޭނެ ބައިވަރު ގޮތްތައް އެބަހުރި، އެ މަސައްކަތް ފަށައިގަތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ އާބާދީއާއި ބިމުގެ ގޮތުން ކުޑަ ގައުމަކަށްވެފައި، އިގްތިސާދީ ނަޒަރަކުން ބަލާއިރު، އިމްޕޯޓަށް ބަރޯސާވާންޖެހިފައިވާ ގައުމެކެވެ. އަދި ވިދާޅުވީ، ރާއްޖެއަށް އިތުރު އާމްދަނީ ހޯދަންޖެހޭ ވާހަކަ ދައްކަމުން އަންނަތާ އެތައް އަހަރެއްވެފައިވާކަމަށާއި، ދިވެހި ރުކުގެ ބޭނުންތަކާއި ބާވަތްތަކުގެ ވާހަކަ މަދަރުސީ ދުވަސްވަރުން ފެށިގެން ދެކެވެމުންދާ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް، ދިވެހި ރުކުން ރަނގަޅު އާމްދަނީއެއް ހޯދޭނެ ވާހަކަ ދެކެވެމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރުކުން މަންފާ ހޯދޭނެ ގިނަ ބާވަތްތަކެއް ހުރިއިރު މިއީ އަގުހުރި ތަކެއްޗެވެ. ނަމަވެސް، ރާއްޖޭގައި މިއަދާ ހަމައަށްވެސް ރުކުގެ އަގުހުރި ބާވަތްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭކަމަށާއި ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ރުކުގެ ދަނޑުވެރިކަމެއް ވެސް ނުކުރެވޭކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހެއްދޭ ރުއްގަސްތަކުގެ އިތުރުން މަގޫގަހުގެ ބާވަތްތަކުންވެސް ލިބޭނެ މަންފާތައް ހުއްޓެވެ. އަދި ރޯ މަސް އޭގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި، މަސް ޕްރޮސެސްކުރުމަށްފަހު ބޭރުކޮށްގެން އިތުރު ފައިދާ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އެކަމަކު ދިޔާ ހަކުރަކީވެސް އެހާ އަގުބޮޑު އެއްޗެއް.. ވަކަރަކީވެސް އެހާ އަގުބޮޑު އެއްޗެއް.. އިލޮއްޓަކީވެސް އެހާ އަގުބޮޑު އެއްޗެއް… އިތާއަކީވެސް… ރުކުގަ ނެތް އަގު ދެރަ އެކައްޗެއްވެސް.. އަދި އަނެއްކާ އޭތި ޖަހާތަކުން ހެދޭ، އަޅުގަނޑުމެންނަށް އެކަން.. ރަނގަޅަށް.. ކޮކޮނަޓް ޕްލާންޓޭޝަންތަކުގެ މަގު… ނުހިންގޭ…
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރުއްތަކުގެ ބޭނުން ހިފުމަށް މަސައްކަތްކުރަންޖެހޭކަމެއްކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ.
ދެން މަގޫގެ ބާވަތްތަކުން އަދި ލިބޭނެ ކިތައްމެ މަންފާއެއް އެބަހުރި… އެނގިވަޑައިގަންނަވާނެ.. މަސް ޕްރޮސެސްކޮށްފިއްޔާ…. އަޅުގަނޑުމެން އެކަނިއެއްނޫން އިނގޭތޯ.. އަޅުގަނޑުމެން ކަހަލަ… އަޅުގަނޑު މިހާރު އެފްރިކާގަ މިއުޅެނީ… އަޅުގަނޑުމެން ކަހަލަ ގައުމުތަކުން… ގިނަ ފަހަރަށް ބޭރު ކުރަމުން މިދަނީ.. ރޯ މެޓީރިއަލް.. ހަމަ މުދާ ތަކެތި ނަގާ ގޮތަށް.. މަސްވެސް ގަނޑުކޮށް.. ރޯ މެޓީރިއަލްގެ ގޮތުގަ ބޭރުކުރީމަ… އަޅުގަނޑުމެންނަށް އޭގެން ލިބެންވާ މަންފާއެއް، ފައިދާއެއް ނުލިބޭ… ޕްރޮސެސްކުރީމަ.. ކޮންމެވެސް ވަރަކަށް ފައްކާކޮށްފަ.. ބޭރުކުރީމަ.. އޭގެ ފައިދާ ލިބޭނީ..
މަސް ޕްރޮސެސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މަސް ޕްރޮސެސް ކުރުމުގެ އިތުރުން، ބޭރުން ގަނޑުކޮށް، ކައްކާ ތެޔޮ އަދި ދޮންނަ ކުނޑި ފަދަ ތަކެތި ރީ-ސައިޒްކޮށް، ބަނދުކޮށްގެން، ބޭރުކުރުމުގެ ވިޔަފާރި މިހާރަކަށް އައިސް ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިފަދަ ވިޔަފާރިތައް މެދުވެރިކޮށް ރާއްޖެއަށް ފައިދާތައް ލިބިގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ދެން ވަރަށް ގިނަ ކުދީން ސްޓާޓް-އަޕް އޮޕަރޭޝަންސްތައް އެބަ ހިންގާ އިންގޭތޯ… އެކި އެކި، އެއްޗެހި ޕްރޮޑިއުސްކުރުމަށް މަސައްކަތްކުރާ.. އަޅުގަނޑަށް ދާދިފަހުން ދިމާވި.. ދޮންކެޔޮގެ މަސައްކަތް ވަރަށް ގަދަޔަ ކުރާ ކުއްޖަކާ.. އޭނަ ދޮންކެޔޮ ވަކެއް.. ދަޅިން… އޭގެން ނަރު ނަގައިގެން، އެ ނަރުން އެބަ.. ހަދާ… ކުނާވެސް.. ކާޕެޓްވެސް.. އަދި ރޯނުވެސް.. އެހެންވީމަ.. ބައިވަރު މި ބާވަތުގެ ސްޓާޓް-އަޕް މަސައްކަތްތައް ކުރެވެން އަބަހުރި.. އަޅުގަނޑުމެން އެ މަސައްކަތްތައް ކުރަމުންވެސް ދާންޖެހޭ..
ރާއްޖޭގައި ގިނަ ފަންނީ ސްޓާޓް-އަޕް ވިޔަފާރިތައް ކުރަމުންދާއިރު، މި ބާވަތުގެ މަސައްކަތްތައް ކުރިއަރުވަން ޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމުން، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރާއްޖެއަށް އުނދަގޫކަމަށްވީނަމަވެސް، ރާއްޖެއިން މިވަގުތު ކަަރަންޓު އުފެއްދުމަށްޓަކައި އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރުގެ އަގު ހުރި ތެޔޮ އެތެރެކުރަމުންދާކަމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްފިނަމަ، ރާއްޖެއިން ތެލަށް ހަރަދުކުރާ މިންވަރު ދައްވެގެންދާނެކަމަށެވެ

