ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓްރީޓް އެގްޒިބިޝަންތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފިއެވެ.
މި އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ވަނީ ހިމަނައިފައެވެ. މިއީ، ދިރާގުގެ 2025ވަނަ އަހަރުގެ ކަލަންޑަރު ’މިނިވަންކަން މަތީ އަބަދަށް’ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ އެގްޒިބިޝަންތަކެކެވެ. މި ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވައިލައިފައިވާ ކަލަންޑަރެކެވެ.
މި ތާރީހީ މުނާސަބަތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއްތަނަކަށް ގެނެސް، ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވިއެވެ.
27 އިން 28 ޖުލައި އަށް މާލޭގައި މި ސްޓްރީޓް އެގްޒިބިޝަން ކުރިއަށް ގެންގޮސްފައިވާއިރު، 26 އިން 27 ޖުލައިއަށް ހުޅުމާލެ، ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށި، ލ.ގަން، ގދ. ތިނަދޫ، ސ. ހިތަދޫ، އދ. ދަނގެތި އަދި ބ.އޭދަފުށީގައި މި ސްޓްރީޓް އެގްޒިބިޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިރާގުން ދަނީ ގައުމީވަންތަކަށް އާލާކޮށް، ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ އެކި މުނާސަބަތުތައް ފާހަގަކުރުމުގެ ތެރެއިން މުޖުތަމައުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

