ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެނެސް އޮޓޮޕްސީ ހެދުމަށް ނިންމައިފި އެވެ.
މާވަށުގައި މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ހާދިސާގެ މައްސަލައިގައި ހަމަލާ ދިން މީހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގުން ނިންމާފައިވާކަމަށެވެ. އަދި މިހާރު ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށް ވަނީ ބުނެފަ އެވެ.
މާވަށުގައި ދެ މީހުންގެ ދެމެދުގައި މަރާމާރީއަކަށް ގޮސް، ހަމަލާ ދޭ ހިސާބަށް ދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ހަމާލާގެ ކުރިން ވެސް ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގާތާ ދެ ދުވަހެއްވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ހަމަލާ ދޭން ބޭނުން ކުރި ވަޅި، އެ ރަށު މޫދު އަޑން ހޯދާފަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ހާދިސާއާއި ގުޅޭގޮތުން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ.

