ރާއްޖޭގައި އަސާސީ ބޭނުންތަކުގެ އަގު މަތިވެފައިވާކަމަށް ބުނުމަކީ ހަގީގަތެއް ނޫންކަމަށާއި ހަގީގަތަކީ ރުފިޔާގެ އަގު ދަށަށް ގޮސްފައިވުންކަމަށް ކުރީގެ އިގްތިސާދީ ވަޒީރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާއި ގުޅިގެން އެމްޑީޕީން ކަމާއި ބެހޭ ފަރާތްތަކާއި ބައްދަލުކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އާފަލެއް ލިބެނީ 10 ރުފިޔާއަށްކަމަށެވެ. އަދި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށްވުރެ މަތިވެފައިވާއިރު ދިވެހިން ތިބީ ކާބޯތަކެތި ނުލިބުމުގެ ދަތިކަމާއި ކުރިމަތިވާ ހިސާބުގައިކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ބޭސް ހޯދުމުގެ ދަތިތައްވެސް ހުރިކަމަށެވެ. އަދި އެ ހާލަތުގައި ޒަރޫރީ މުދަލުގެ އަގުތައްވެސް އުފުލިފައިވާކަމަށާއި ދިވެހި ފައިސާގެ އަގު ވެށްޓި ޑޮލަރެއް 20.20 ރުފިޔާއަށްވުރެ އަގު ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން ކުދި ވިޔަފާރިތައްވަނީ ދަރަނިވެރިވެ ހަލާކުވެފައިކަމަށާއި ސަރުކާރުން ނުއްދަކާހުރި ބިލުތަކުގެ ޖުމުލަވެސް 13 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެފައިވާކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، އެ ހާލަތަށް ގައުމު ވެއްޓިގެން ދިޔައިރުވެސް ގާނޫނުއަސާސީން މަނިޓަރީ ސިޔާސަތުގެ ދަށުން ހިމެނޭ ކަންކަމުގެ ޒިންމާ މަަތިކޮށްފައިވާ މުއައްސަސާ އެމްއެމްއޭގެ ބަހެއް ނެތްކަމަށެވެ. އަދި މައްސަލަ ގޯސްވަމުންދިއުމާއި ގުޅިގެން ކަންބޮޑުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން އެ މުއައްސަސާގެ އިސްވެރިންނާއި ބައްދަލުކުރުމަށް ފުރުސަތަކަށް އެދި ލިޔުމުން ހުށައަޅާފައިވާއިރު އެކަންވެސް ފަހިކޮށްދީފައިނުވާކަން ހިއްސާކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ގައުމުގެ ހާލަތު ސާފުކުރުމަށްޓަކައި އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޖަވާބުދާރީވުމުން ރެކުމަށްޓަކައި ރައްޔިތުން ހޮވާފައިވާ މަންދޫބުންވަނީ ފިއްލަވާފައިކަމަށެވެ. އަދި އެމްއެމްއޭއިން މައްސަލައިގައި ޖަވާބުދާރީނުވާ ހާލަތުގައި ރައްޔިތުންނަށް ކޮށްފައިވަނީ ބޮޑު މަލާމާތެއްކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ހާލަތު ނުދަންނަ އެ ހާލަތު ބަލަންވެސް ނޭދޭ ސަރުކާރެއްކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީ ނޫންކަމަށާއި ރުފިޔާގެ އަގު ދަށްވީކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރުފިޔާގެ އަގު ދުވަހަކުން ދުވަހަކަށް ދަށަށް ދަމުންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.

