ދެމެހެއްޓިނިވި ގޮތެއްގައި އަމާންކަމާއި އުފާ ފާގަތިކަން ހާސިލުކުރެވޭނީ ގުޅިގެން ކުރާ މަސައްކަތްތަކެއް މެދުވެރިކޮށްކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިންޓަރ ޕާލިމެންޓަރީ ޔުނިއަންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުދި ގައުމުތަކުގެ ތެރެއިން އެއް ގައުމު ނަމަވެސް އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތްތައް ކުރުމަށްޓަކައި ބޮޑު އަހަމިއްޔަތެއް ދެމުން އައިސްފައިވާނެކަމަށެވެ. އަދި ކުރަމުން އައިސްފައިވާ ހިތްވަރަށް ބަދަލުތަކެއްވެސް އައިސްފައިނުވާނެކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް ގައުމަކީ އެކަނިވެރި ގައުމެއްގެ ގޮތުގައި ރާއްޖެއިން ނުދެކޭކަމަށެވެ. އަދި ރާއްޖޭގެ ބާރުވެރިކަން ދެމެހެއްޓިފައިވުމުގެ ފަހަތުގައި ގައުމުތަކުގެ ދެމެދު އޮތް ގުޅުންތަކާއި ކުރެވޭ މުއާމަލާތްތަކުގެ އިތުރުން ދެ ފަރާތުގެ މަސްލަހަތާއި ގުޅިފައިވާ މަސައްކަތްތައް ހިމެނޭކަމަށް ގަބޫލުކުރާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ލޮޅުންތަކުގެ އަސަރު އެންމެ ފުރަތަމަވެސް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށާއި ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ އުސޫލަތަކާއި ހަމަތަކަށް ބަރޯސާވަނީ އެ ސަބަބަށްޓަކައިކަމަށެވެ. އަދި ރާއްޖެއިންވަނީ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތަށް ރިއާޔަތްކޮށް 1989 ވަނަ އަހަރުގެ ތެރޭގައި އދ އަށް ގަރާރެއް ހުށައަޅާފައިކަމަށާއި އޭގެ ބޭނުމަކީ ހުރިހާ ގައުމަކަށް ރައްކައުތެރިކަން ނުލިބޭ ހިނދު އެއްވެސް ގައުމަކަށް ރައްކައުތެރިކަން ކަށަވަރުވެގެން ނުދާކަން އަންގައިދިނުންކަމަށް ހިއްސާކުރެއްވިއެވެ.
އެންމެ ފަހުން ފާހަގަކުރި ބައިނަލްއަގުވާމީ މަލްޓިލެޓަރަލިޒަމްގެ ދުވަހުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މިކަމުގެ މަތިން ހަދާން އައުކޮށްދެއްވާފައިކަމަށް އިޝާރާތްކުރައްވާ އަބްދުއްރަހިމް ވިދާޅުވީ، އެމަނިކުފާނުވަނީ އިންސާފަކީ އެންމެނަށްވެސް ލިބިގެންދާންޖެހޭ ހައްގެއްކަން ފާހަގަކުރައްވާފައިކަމަށެވެ. އަދި އެއީ ހަމައެކަނީ ބާރުގަދަ ގައުމުތަކަށް ލިބިގެންވާ އިހުތިޔާރެއް ނޫންކަމަށްވެސް ވިދާޅުވިކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ކުރިއަރަމުންދާ ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުން މަލްޓިލެޓަރަލިޒަމްއާއި ގުޅިގެން މަސައްކަތްތައް ކުރުން ރާއްޖެއިން ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ. އަދި ދެމެހެއްޓިނިވި ގޮތެއްގައި އަމާންކަމާއި އެންމެނަށް އުފާ ފާގަތިކަން ހާސިލުކުރެވޭނީ މުއާމަލާތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް މެދުވެރިކޮށްކަން ރާއްޖެއިން ގަބޫލުކުރާކަމަށެވެ.

