ކުށްތަކަށް ފަހިވާގޮތަށް ޖަޒީރާގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ގުރޫޕުގެ ފަހަތުގައިވާ އިސް ފަރާތެއްކަމަށް ތުހުމަތުކުރެވޭ މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޖަޒީރާގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ގުރޫޕަކީ މަސްތުވާތަކެތި ވިއްކުމުގެ އިތުރުން ހަށިވިއްކުން އިސްތިހާރުކުރުން ފަދަ އަމަލުތައް ހިންގުމަށް ފަހިކުރާކަމަށް ފާހަގަކުރެވިފައިވާ ގުރޫޕެކެވެ. މި މައްސަލައިގައި ތިން މީހަކު ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔައިރު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެކަކު ކަން ފާހަގަކުރެވެއެވެ. 4 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ 12966 އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ކޯޓުގެ ވެބްސައިޓު މެދުވެރިކޮށް އާންމުކޮށްފައިވަނީ މަނީ ލޯންޑަރިންގާއި އެހެން މީހަކު ހަށިވިއްކައިގެން ހޯދި އާމްދަނީ އެނގިހުރެ ބޭނުންކޮށްފައިވުމުގެ ދައުވާއެވެ.
ދައުވާތަކުގައި ބުނާ ކުށްތަކަށް އިބްރާހިމް ރަޝީދު އެއްބަސްވެފައިވުމުން އިއުތިރާފް އެއްބަސްވުމެއް ހަދާފައިވެއެވެ. އެހެންކަމުން ކޯޓުންވަނީ އެކަމަށް ރިއާޔަތްކޮށް ޖުމުލަކޮށް 4 އަހަރުގެ ހުކުމެއް އިއްވާފައެވެ. މަނީ ލޯންޑަރިންގް މައްސަލައިގައި ހަތަރު ލައްކައަށްވުރެ އިތުރު އަދަދެއް ޖޫރިމަނާއެއްގެ ގޮތުގައި ދެއްކުމަށްވެސް އަންގާފައިވެއެވެ.

