މި އަހަރުގެ ދެވަނަ ކުއާޓާރގައި އާމްދަނީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާގޮތުން މި އަހަރުގެ ދެވަނަ ކުއާޓާރގައި އެ ކުންފުނީގެ އޮޕަރޭޓިންގް ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. މި މުއްދަތުގައި އެ ކުންފުނީގެ ހިއްސާއެއްގެ އަގު 145 ރުފިޔާއަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.
މި ކުއާޓާރގައި ޖުމުލަ ހަރަދަކީ 367 މިލިއަން ރުފިޔާކަމަށް ބުނެފައިވެއެވެ. ފުރަތަމަ ކުއާޓާރގައި 4.02 ބިލިއަން ލިބިފައިވާއިރު ކުންފުނީގެ ރިޒާވުގައި 5.11 ބިލިއަން ރުފިޔާ ހުރިކަމަށް ހިއްސާކޮށްފައިވެއެވެ. މި ކުއާޓާރގައި ކުންފުނީގެ އަގު 5.2 ބިލިއަނަށް އަރާފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާބަލާއިރު ދެވަނަ ކުއާޓާރގައި އާމްދަނީ ލިބުނު މިންވަރު 12 އިންސައްތަ ދަށްކަމަށެވެ. މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ތެލުގެ މާކެޓަށް އައި ބަދަލުތައްކަމަށާއި މި ކުއާޓާރގައި ޖެޓްފިއުލް އަށް ޑިމާންޑު ދަށްވެގެން ދިއުންވެސް ހިމެނޭކަމަށެވެ. ޖެޓް ފިއުލްގެ ޑިމާންޑު ދަށްވެ ތެލުގެ އަގު ދަށްވިނަމަވެސް ޑީސަލް ވިކުނު މިންވަރު އިތުރުވެފައިވާކަމަށާއި މިގޮތުން 17.3 މިލިއަން ލީޓަރު އިތުރުކަން ފާހަގަކޮށްފައިވެއެވެ. އެއީ ޑިލިވަރީ ކެޕޭސިޓީ އިތުރުވުމާއި ޑިސްޓްރިބިއުޝަން ޕްލޭނިންގް ރަނގަޅުވުމުން ކަމަށް ބުނެފައިވެއެވެ.
މި ކުއާޓާރގައިވެސް އެންމެ ބޮޑު ފައިދާއެއް ހޯދިފައިވަނީ ތެލުގެ ވިޔަފާރިކަން ބަޔާންކޮށްފައިވާއިރު އެއީ ކުންފުނީގެ އާމްދަނީގެ 78 އިންސައްތަކަން ފާހަގަކޮށާްފައިވެއެވެ. ތެޔޮ ނޫން އެހެނިހެން މުދަލުގެ ވިޔަފާރީގެ ތެރެއިން ލިބިފައިވާ އާމްދަނީވެް 6 އިންސައްތައިން އިތުރުވެފައިވާއިރު އެއީ އާންމު މުދަލާއި ކޮންސްޓްރަކްޝަން އަދި ސިއްހީ ދާއިރާގެ މުދަލާއި ހިދުމަތްތައްކަން ހާމަކޮށްފައިވެއެވެ.

