ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެއިން ވިޔަފާރިކޮށްގެން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް ފެށުމަށް ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމަަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބޮޑެތި އަދަބުތައް ދިނުން ހިމެނޭ ގޮތަށް މިހާރު މަޖިލީހުގައި ބިލެއް އޮތްއިރު އެ އިސްލާހުތައް ހިމެނޭ ގޮތަށް އަލުން ފަރުމާ ކުރަން ޖެހޭތީ ބިލު އިތުރަށް ދިރާސާ ކުރުމަށް ދަންނަވާފައިވާނެ ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް، ގާނޫނީ ނިޒާމުގެ ތެރެއިން މިހާރު ތަހުގީގުގައި ދިމާވާ ދަތިތައް ހައްލުކޮށް ބޮޑެތި އަދަބު ހިމަނައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ފޮނުވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭރު ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުން ހިމަނަން އުޅޭކަމަށް އޮތީ ވާހަކަ ދެކެވިފަ އެވެ. އެހެން ނަމަވެސް ބިލު ހުށަހެޅިއިރު އެފަދަ މާއްދާއެއް ނެތެވެ.
ރައީސް ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް މަސްތުވާތަކެތި ފަދަ މައްސަލަތައް ސާބިތުވުމުން މަރުގެ އަދަބު އިއްވާ ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
މިހާރު ޢަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދެވޭ އެންމެ ހަރުކަށި އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަޖިލީހުގައި އޮތް ބިލުގައި ވަނީ، 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭގޮތަށް ވަނީ ހުށަހަޅާފައެވެ. މި ގޮތުން، 139 ބާވަތެއްގެ މަސްތުވާތަކެތި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ޑްރަގް ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރިހެބިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިޞްލާޙުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޙާލަތްތައް ވަނީ ހިމަނާފައެވެ. މިގޮތުން، މަސްތުވާތަކެއްޗަށް ފައިނޭންސްކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

