ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ނުތިބެ އެހީތެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއްކަމަށެވެ. ޣައްޒާއަށް އިންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި، ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ، އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ބަނޑުހައިހޫނުކަން މޮނިޓަރ ކުރުމުގެ ނިޒާމެއް ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) އިން ބުނެފައިވާ ގޮތުގައިވެސް، ޣައްޒާގައި މިހާރު ފެތުރެމުންދަނީ ”ބަނޑުހައިހޫނުކަމުގެ އެންމެ ގޯސް ހާލަތު“ އެވެ.
ކާބޯތަކެތި ބޭނުންކުރުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ކޮންމެ ތިން މީހަކުން އެކަކު އެއްފަހަރާ ގިނަ ދުވަސްތަކެއް ވަންދެން ކާނާ ނުލިބި އުޅެމުންދާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. ޖުލައި މަހުގެ ފުރަތަމަ ކުއާޓަރުގައި ކާނާ ނުލިބޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އޭޕްރީލް މަހާއި ޖުލައި މަހުގެ މެދުތެރެއާ ދެމެދު 20،000 އަށް ވުރެ ގިނަ ކުދިން ވަނީ މިކަމުގެ ސަބަބުން ސީރިއަސް ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައެވެ. 3،000 އަށް ވުރެ ގިނަ މީހުން ވަނީ ކާނާ ލިބުން ވަރަށް ބޮޑަށް ދަތިވެފަވާ ކެޓެގަރީގައި ކަމަށް ވެސް އެ ރިޕޯޓުން ދައްކައެވެ.
މިފަހުން އިޒަރާއީލުން އޮތީ ކާނާ ފޯރުކޮށްދިނުން އެކީ މެދުކެނޑުމަކަށް ގެނައިސްފައެވެ. ރާއްޖެއިންވެސް އަންނަނީ ޢައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

