ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓާމިނަލް ހުޅުވުމުގެ ރަސްމިއޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯވްގައި ސިގްނަލް ގެއްލުނު މައްސަލަލަ ތަހުގީގު ކުރަން ފުލުހަށް ހުށައަޅައިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނެފައި ވަނީ ޑްރޯންތަކެއް ވެއްޓުމަކީ ތަހުގީގު ކުރަން ޖެހޭ ކަމަކަށް ވާތީ، އެކަން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ވެއްޓުނު ޑްރޯންގެ އަދަދެއް އަދި ސާފުނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް ފޮނުވި ސިއްރު ސިޓީއެއް ލީކުވުމުން ވެސް ހިތާމަ ކުރައްވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައިވަނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
އިތުރަށް އެ ސިޓީގައި ވަނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން އެ މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.
ރަސްމިއްޔާތުގެ ކުރިން ބޭއްވި ޑްރޯން ޝޯގެ ފުލް ރިހާސަލްގައި އެއްވެސް މައްސަލައެއް ދިމާނުވާކަމަށާއި، ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތްކުރި އެހެނިހެން ޓެކްނިކަލް ފަރާތްތަކަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް ގެއްލުން ފަދަ މައްސަލަތައް ދިމާވި ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓްކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ޑްރޯން ޝޯގެ އޮޕަރޭޓަރަށް ފާހަގަކޮށްފައިވާ ކަމަށް އެ ސީޓީގައި ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރަށް އެ ސިޓީގައި ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް އެ ފަރާތްތަކަށް ވެސް އަދި އެމްއޭސީއެލްއަށްވެސް މިހާތަނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

