ގޭންގު ބިލް ތަންފީޒުކުރުމަށް، ފުލުހުން ތައްޔާރުކުރުމުގެ“އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1″ގެ ތަމްރީނު ޕްރޮގުރާމު ނިންމާލައިފިއެވެ.
ތަމްރީނުގެ މަގްސަދު
ފުލުހުންނަކީ ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިއްމު ހިއްސާއެއް އަދާކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެކެވެ. އެގޮތުން، މިފަދަ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ، ދާދި ފަހުން ތަސްދީގު ކުރެވުނު ގޭންގު ބިލާއިއެކު، އެ ގާނޫނު ތަންފީޒުކުރަން ގާތްވެ، ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމެކެވެ.
ތަމްރީނުގެ ތަފްސީލު
“އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1” ގެ ނަމުގައި ކުރިއަށްގެންދިޔަ އެންހެންސްމަންޓް ޓްރެއިނިންގު ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވާ މުއްދަތަކީ، 2025 ޖުލައި 5 ވަނަ ދުވަހުން ފެށިގެން ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، މާލެއާއި ދޫނިދޫގައެވެ. އެގޮތުން، މި ޓްރއިނިންގގައި ބައިވެރިވެފައިވަނީ ގޭންގު ކުށްތަކާއި ދެކޮޅަށް ހާއްސަކޮށްފައިވާ ފުލުހުންގެ ގޭންގު ކްރައިމް ސަޕްރެޝަން އޮޕަރޭޝަނަލްއާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޑިޕާޓްމެންޓުގެ ފުލުހުންނެވެ.
މި ތަމްރީނު ޕްރޮގުރާމުގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސުވިމިންގ ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް، އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް އަދި މި ހުރިހާ ބައިތައް ހިމެނޭހެން ފައިނަލް ސިނޭރިއޯ އެކްސްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މި ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ، ފުލުހުންގެ އެންމެ އެލީޓް ސްޕެޝަލް ވެޕަންސް އެންޑު ޓެކްޓިކްސް (ސްވަޓު) ޓީމުގެ ފަރާތުންނެވެ.
ތަމްރީނުގެ މުހިއްމުކަން
މުޖުތަމައުގެ އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ޒިންމާ ފުލުހުންގެ ކޮންޑުގައި އެޅިފައިވާއިރު، ރަނގަޅު ތަމްރީނެއް ލިބިފައިވާ، ގާބިލު އަދި ކެރޭ ފުލުހުންތަކެއް ހަރަކާތްތެރިވުމަކީ ވަރަށް މުހިއްމުކަމެކެވެ. ވަކިން ހާއްސަކޮށް، ނުރައްކާތެރި ގޭންގުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އެންޓައި ގޭންގު އަދި ނާކޮޓިކްސް އޮޕަރޭޝަންތަކުގައި ފުލުހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ހުނަރުތަކެއް ހުރެއެވެ. އަދި، ތަރައްގީވަމުންދާ ދުނިޔޭއާއި ފައިހަމަކުރުމުގެ ގޮތުން، އަލަށް އީޖާދުކުރެވޭ ޓެކްނޮލޮޖީ އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު ހުނަރުތަކާއި އުކުޅުތައް ދަސްކުރުމަކީ ފުލުހުންގެ ގާބިލުކަމާއި، ހިންގޭ އޮޕަރޭޝަންތަކުގެ ކަމިޔާބުކަމަށް ވަރަށް މުހިއްމުކަމެވެ. އެގޮތުން، ގާބިލު އަދި ޒަމާނާއި ފެތޭ ހުނަރާއި އުކުޅުތައް ހުރި ފުލުހުން، ދާދީ ފަހުން ފާސްކުރެވުނު ގޭންގު ބިލް ތަންފީޒުކުރުމުގައި ހަރަކާތްތެރިވުމަކީ، އެންމެ އެދެވޭ ގޮތުގައި ގާނޫނު ތަންފީޒުކުރުމަށް ވަރަށް މުހިއްމުކަމެކެވެ.
ފުލުހުންގެ މުސްތަގުބަލު
ފުލުހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ފުލުހުންނަށް ތަފާތު އެކި ޕްރޮގުރާމުތަކާއި ފުލުހުން ކުރާ މަސައްކަތައް އިތުބާރު އިތުރުކުރުމުގެ ގޮތުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފައިވާއިރު، މިއީ، ފުލުހުންގެ ހިދުމަތަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެވެ. މީގެއިތުރުން، ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އެންހޭންސްމަންޓު އަދި އެހެނިހެން ތަމްރީނު ޕްރޮގުރާމުތައް ދިނުމަކީ، އެންމެ އެކަށީގެންވާ ގޮތުގައި ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ވަރަށް މުހިއްމުކަމަކަށްވުމާއިއެކު، މުސްތަގުބަލުގައި ފުލުހުންނަކީ، ޕްރޮފެޝަނަލް އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ފުލުހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން ހުރި ބަޔަކަށްވެ، މުޖުތަމައު އަކީ އަމާން ތަނަކަށް ވެގެންދިޔުމަކީ އެންމެންގެވެސް އުންމީދެވެ.

