ސިއްހީ ނިޒާމު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 6 ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އޭގެ ތެރޭގައި ހއ. ވަށަފަރު، ތުރާކުނު، ށ. ޅައިމަރު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަޕްގްރޭޑުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ވަށަފަރު އަދި ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ށ. ޅައިމަގު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ސިއްހީ މަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ވަށަފަރާއި ދަރަނބޫދޫގެ ސިއްހީ މަރުކަޒު ނޫން އިތުރު، މަޝްރޫއުތައް ނިންމުމަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައެވެ. ވަށަފަރާއި ދަރަނބޫދޫގެ ސިއްހީ މަރުކަޒު ނިންމުމަށް 210 ދުވަސް ދީފައިވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އިސްމާއިލް ޒާހިރުއެވެ. މި ރަސްމީއާތުގައި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ވޯޑްތަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާރުސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމްތައް ތަރައްގީކުރެވިގެންދާނެއެވެ. މިއިން ކޮންމެ މަޝްރޫއުއަކަށް 5 މިލިއަނާއި ގާތްކުރާ އަދަދެއް ހަރަދުކުރުމަށް ވަނީ ބަޖެޓު ހަމަޖައްސާފައެވެ.

