މާލެ ނޯތު ހާބަރުގައި، މަސްވެރި އުޅަނދުފަހަރުގެ ބޭނުމަށް ހާއްސަ އިތުރު ސަރަހައްދުތަކެއް ކަނޑައަޅައި، އެ ސަރަހައްދުތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މާލޭ ނޯތު ހާބަރަށް އިތުރު ކުރެވުނު ބައިގައި، މަސް ދޯނި ފަހަރަށް ހާއްސަކޮށް ”އީ ޒޯން“ އަދި ”އެފް ޒޯން“ ކަނޑައަޅާފައިވެއެވެ. މި ސަރަހައްދުތަކަކީ މިހާރު ވެސް މަސް ދޯނި ފަހަރު ބޭނުންކުރަމުންދާ ސަރަހައްދުތަކެވެ.
އެމްޕީއެލްއިން ބުނީ މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައި ނުވާނެކަމަށެވެ. އެހެން ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގަމުން ގެންދާނެކަމަށް ބުންޏެވެ.
އެގޮތުން، ”އޭ ޒޯން“ އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި އަދި ”ބީ ޒޯން“ އަދި ”ސީ ޒޯން“ އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ.
މަސް ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މި ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުން ހިދުމަތް ދެމުން ގެންދާނީ އެމްޕީއެލް ބުނި ގޮތުގައި ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޕީއެލް ލަފާކުރެވެއެވެ.
އެމްޕީއެލްއިން ބުނީ މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.

