ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

މަނަފަރު ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށް ތަރައްޤީކުރަމުން އަންނަ ތަންތަނާއި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރަމުން އަންނަ ތަންތަނުން މި ގަވާއިދާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ޤަވާއިދުގެ ދަށުން އެޅޭ ފިޔަވަޅުތަކާއި ޖޫރިމަނާތަކަށް ބަލާއިރު، ފުރަތަމަ ފަހަރު 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެއް، ދެވަނަ ފަހަރު ބައިލައްކައަށްވުރެ ބޮޑުނޫން އަދަދެއް އަދި ތިންވަނަ ފަހަރު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

މީގެ އިތުރުން، ތިންފަހަރަށް ވުރެ އިތުރަށް ގަވާއިދާ ޚިލާފުވެއްޖެ ނަމަ ލިޔުމުން އެންގުމަކާ ނުލައި ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު 100,000/- (އެއްލައްކަ ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވެއެވެ.

ޓޫރިސްޓް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އިޝްތިހާރުކުރަންވާނީ ރަޖިސްޓަރީ އާއި އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތަށް ކަމަށާއި، ޚިދުމަތްދޭ ތަނާއި އެ ތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭގޮތުން ދޭ މަޢުލޫމާތަކީ ތެދު، ފުރިހަމަ އަދި ޙަޤީޤަތާ އެއްގޮތްވާ މަޢުލޫމާތު ކަމުގައި ވާންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، އިޝްތިހާރުތަކުގައި ހިމެނޭ ޚިޔާލުތަކާއި ތަޞައްވަރުކޮށްދޭ ކަންކަމާއި މަޢުލޫމާތު އެކުލަވައިލަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އިޝްތިހާރުކުރުމުގައި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާބެހޭ މަޢުލޫމާތު ސާފުކޮށް ބަޔާންކުރަންވެސް ޖެހެއެވެ.

މި ޤަވާއިދުގެ މަޤްސަދުތަކަށް ބަލާއިރު، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ވަށައިގެންވާ މާޙައުލާއި، ލިބެން ހުންނަ އެހެނިހެން ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު އާންމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނޭ ގޮތެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ތަޞައްވަރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒިންމާދާރުކަމާއެކު އިޝްތިހާރުކުރުންވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބޭރުދުނިޔޭގައި ދައްކާ އިޝްތިހާރުތަކުގައި ހިމެނޭ މަޢުލޫމާތަކީ ތެދު، ފުރިހަމަ އަދި ފުށުއެރުމެއް ނެތް މަޢުލޫމާތުކަން ކަށަވަރުކުރަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: