ރައްޔިތުންގެ މަޖިލީހުގެ ސިއްރު ކޮމިޓީތަކުގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވަމުން ގެންދަވާތީ، އެކަމަށް ސަމާލުވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްދިޔައިރު، މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ އެ ކޮމިޓީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ވެރިން ހާޒިރުކޮށް ބޭއްވި ސިއްރު ބައްދަލުވުމުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ގަވަރުނަރު ދެއްކެވި ވާހަކަފުޅުތަކާއި، ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭ މައުލޫމާތުތައް ހިމެނެއެވެ.
މިކަމާ ގުޅިގެން ރިޔާސަތުން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިއްރު ކޮމިޓީއެއްގެ މަޢުލޫމާތު މަޖިލީހުގެ ތަޅުމުގައި ލައިވްކޮށް ފޮނުވަމުންދާ ޖަލްސާއެއްގައި ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ މަޖިލީހުގެ ގަވާއިދުގައިވެސް މަނާކޮށްފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ސިއްރު ކޮމިޓީގެ މަޢުލޫމާތު ހާމަކުރެއްވި ކަމަށް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް، ނިޒާމީ ނުކުތާއެއް ނަންގަވައި ޝަމްހީދު ވިދާޅުވެފައިވަނީ އޭނާ ހިއްސާކުރެއްވީ ހަމައެކަނި އެމްއެމްއޭއިން އާންމުކޮށް ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މެންބަރުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސިއްރު ކޮމިޓީތަކުގެ މަޢުލޫމާތު ހިމާޔަތްކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

