ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރާއްޖެއަށް ދިން މާލީ ގެއްލުންތަކާއި ހުރެ، އަސާސީ ހިދުމަތް ދިނުމުގައި ދަތިވޭ: ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުން ދައުލަތަށް މާލީ ގޮތުން ދިން ބޮޑެތި ގެއްލުންތަކުގެ ސަބަބުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭތީއާއި، ފެނާއި ކަރަންޓުގެ ހިދުމަތް އަތްފޯރާ ފަށަށް ގެނައުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް އެމްޑީޕީ ވަނީ ގަރާރެއް ހުށަހަޅާފަ އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ އެ ގަރާރު ބަހުސް ކުރިއިރު ސަރުކާރުގެ މެމްބަރުން ފާހަގަކުރައްވަމުން ގެންދެވީ އެމްޑީޕީގެ ވެރިކަމުގައި ހިދުމަތްތައް ދިނުމުގައި އިހުމާލުވެފައިވާ މިންވަރެވެ. އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިކުރުވާފައި ހުރުމުގެ ސަބަބުން، ސަރުކާރަށް އޭގެ ދަތިތައް ދިމާވާކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގަރާރަށް ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ވާހަކަ، ދައްކާއިރު އެމްޑީޕީގެ ވެރިކަމުގައި އެ ސިޔާސަތު އޮތީ ކިހާ ހިސާބެއްގައިތޯ ބަލަން ޖެހޭކަމަށެވެ. ހާއްސަކޮށް ކަރަންޓާއި ފެނަށް ބިލް ކުރަމުން ދިޔަ ގޮތުގެ ނިޒާމަށް އައި ބަދަލުތަކަށް ފަހު، އެތައްކަމެއް އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ބިލްތަކަށް ފައިސާ ނުލިބި އެބަހުރިިކަމަށް ޒަރީރު ވިދާޅުވި އެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ، ޒަރީރު ވަނީ އެމްޑީޕީގެ ވެރިިކަމުގައި ގައުމަށް ދިން އެންމެ ބޮޑު ގެއްލުމަކީ އެއްވެސް ވިސްނުމަކާއި ނުލައި ގެއްލުމުގެ ބަދަލުގެ ނަމުގައި ދޫކުރި އެއް ބިލިއަން ޑޮލަރުކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މަޒާޖީ ގޮތެއްގައި ވިދާޅުވީ މިދިޔަ ފަސް އަހަރުގެ އެމްޑީޕީގެ ސަރުކާރުގައި ރަނގަޅަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ، ބޭނުންވިހާ ބަޔަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުން ކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ބުރަތަކެއް އުފުލަން ޖެހި، މިހާރުގެ ސަރުކާރަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، ކަރަންޓާއި ފެނުގެ އަގު އަތް ފޯރާފަށަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ގޮންޖެހުންތައް އެބަހުއްޓެވެ. މިކަމަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޖިލިސް ތަޅުމުގައި ވެސް އެންމެ ބާރަށް ދެކެވުނީ، ރައްޔިތުންނަށް ހައްގުވާ އަސާސީ ހިދުމަތްތައް އަތްފޯރާ ފަށަކަށް ގެނައުމުގެ ވާހަކަ ކަމަށެވެ. އެ ވައުދު އެމްޑީޕީ ތަކުރާރުކޮށް ރައްޔިތުންނަށްވަމުން ދިޔައިރު، އެއްވެސްކަމެއް ތަންފީޒު ކުރެވިފައި ނުވާއިރު އެހެން ސަރުކާރުތަކަށް ފާޑުކިއުމުގެ ބޭނުމެއް ނެތްކަމަށް ޒަރީރު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ރެކޯޑު އަދަދަކަށް ގެއްލުމުގެ ބަދަލުދީފައި ވަނީ، ދޭން ޖެހޭ ހާލަތުގައިތޯ ވެސް ޒަރީރު ސުވާލު އުފެެއްދެވި އެވެ. އަދި ވިދާޅުވީ ސަރުކާރުތަކުން އެގްރިމަންޓުތައް ހަދާއިރު އޭގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ވަރަށް ސާފުކޮށް ލިޔެވިފައި އޮތް ނަމަވެސް، އެގްރިމަންޓުތައް އެއް އަހަރު ނުވަތަ ދެ އަހަރު ފަހުން ހަމަ އެ ސަރުކާރަކުން ބާތިލުކޮށް އެއަށް ބަދަލު ދޭން ޖެހުމަކީ އޭނާ ދަންނަ ފައިނޭންޝިއަލް ނިޒާމެއް ނޫން ކަމަށެވެ.

ސަރުކާރެއްގައި އެންމެ ގިނަ އަދަދަކަށް ރެކޯޑު އަދަދަކަށް… ބަދަލު ދިނުމުގެ ރިކޯޑު ގާއިމު ކުރީ ނިމިދިޔަ ސަރުކާރު.. އަޅުގަނޑުމެންގެ ކޮންސާންއެއްގެ ގޮތުގައި އެބައޮތް މާ މުހިންމުކަމެއް.. އެގްރިމަންޓުތައް ސަރުކާރުތަކުން ހަދާއިރު އޭގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް އެބަހުރި ލިޔެވިފައި.. ވަރަށް ސާފުކޮށް.. އޮތް އިރު އަނެއްކާ އެގްރިމަންޓުތައް އެއް އަހަރު، ދެ އަހަރު ފަހުން.. އެ ސަރުކާރަކުން ބާތިލުކޮށް އެއަށް ބަދަލު ދޭން ޖެހުނީމައި.. މިއީ އަޅުގަނޑު ދަންނަ ފައިނޭންޝިއަލް ނިޒާމެއް ނޫން..

ޒަރީރު ވިދާޅުވި ގޮތުގައި މިއީ އެމްޑީޕީ ގެއްލުމުގެ ބަދަލުތައް ދެމުން ދިޔަ ގޮތެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުމަށް ފަހު، ރައްޔިތުންނަށް ބޭނުންވާ އެތައް ހިދުމަތެއް ދިނުމުގައި ދިމާވެފައިވާ ހުރަހަކީ އެމްޑީޕީގެ ވެރިކަމުގައި ދައުލަތަކަށް އެކި މާލީ ގެއްލުންތައް ދީފައި ހުރުން ކަމަށެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އުފައްދާފައިވާ ބޮޑެތި ދަރަނިތަކަށް ޒަރީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެއްވެސް ފައިދާއެއް ނުވެ، އެ ކުންފުނިތައް ހިންގަމުން ދިޔައިރު މަޝްރޫއުތައް ކުރިޔަށް ނުގެންގޮސް ހުރުމާއި އެކު ކުންފުނީގެ އެތެރޭގައި އިންތިހާއަށް ވައްކަމާއި ކޮރަޕްޝަން އަށަގެންފައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އާރުޑީސީ ފަދަ ކުންފުނިތަކުގެ މާލީ ރިޕޯޓުތައް ގެއްލިގެން އެ ވާހަކަތައް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި އެކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އާރުޑީސީގައި ދެ ބިލިއަން ރުފިޔާގެ ލިޔެކިއުން ނެތްކަމަށްވާކަމަށް ޒަރީރު ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: