ޒަމާނަށް ފެތޭގޮތަށް އޮތް ސެންޓްރަލް ބޭންކެއް މި ޤައުމުގައި ނެތްކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޤައުމީ ޕޭމަންޓު ސިސްޓަމްގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، މިއީ މަރުކަޒީ ބޭންކަށް ކުންފުނި ހަދައިގެން ވިޔަފާރި ކުރުމަށް ހެދިފައިވާ އިސްލާޙެއް ކަމަށާއި، މިއީ ރަނގަޅު އިސްލާޙެއް ނޫންކަމަށެވެ.
ޣަފޫރު ވިދާޅުވީ، މަރުކަޒީ ބޭންކަކީ ރާއްޖޭގެ މާލީ ނިޒާމު ރެގިއުލޭޓްކުރަން އޮންނަ ތަނެއް ކަމަށާއި، އެތަނުން ކުންފުނި ހަދައިގެން ވިޔަފާރި ކުރުމުން ކަންކަން ރެގިއުލޭޓެއް ނުކުރެވޭނެކަމަށެވެ. އަދި ވިދާޅުވީ، މަރުކަޒީ ބޭންކުން ކުރަންޖެހޭ މާ މުހިއްމު ކަންކަން އެބަހުރިކަމަށެވެ. އެގޮތުން މަރުކަޒީ ބޭންކުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭން އެބަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން ނުކޮށް ސެންޓްރަލް ބޭންކުން ކުރަންޖެހޭ އެތައް ކަންތައްތަކެއް އެބަހުރި. ފުރަތަމަ ބިރެއް ނެތި ރައްޔިތުންނާ ކުރިމަތިލާ ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭން މައިކެއްގެ ކައިރިއަށް ސެންޓްރަލް ބޭންކް އަންނަން އެބަޖެހޭ. ވަރަށް ބިރުގަނޭ ކަންކަމާ ކުރިމަތިލާން
މީގެ އިތުރުން، ޒަމާނަށް ފެތޭގޮތަށް އޮތް ސެންޓްރަލް ބޭންކެއް މި ޤައުމުގައި ނެތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭއިން މިހާރަށްވުރެ ހަރުދަނާކޮށް މަސައްކަތް ކުރަންޖެހޭކަމަށްވެސް މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
ހަމައެއާއެކު، ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މައްޗަށްދާކަން ފާހަގަ ކުރައްވައި ޣަފޫރު ވިދާޅުވީ، މިއީ މަރުކަޒީ ބޭންކުންވެސް ބައިވެރިވެގެން އުފައްދާފައިވާ ކަޅު ބާޒާރެއް ކަމަށެވެ. އެގޮތުން ކަޅު ބާޒާރެއް އުފެދި ފުޅާވެގެން ދިޔައިރު އެއްވެސް މީހަކާމެދު މިހާތަނަށް ފިޔަވަޅެއް އެޅިފައިނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު މާރުކޮށްދިނުމާއި، ޖެމްކިއު ސްކީމްފަދަ އެތައް ކަމެއް ފެންމަތިވަމުންދާއިރުވެސް އެކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމަށެވެ.
އެއްވެސް މީހަކާމެދު އެޅުނު ފިޔަވަޅެއް ނެތް، ލޯމައްޗަށް ފެނޭ ދިހަބާރާ ކާޑު އަތަށް ލައިގެން ބޭރުމީހުން ޑޮލަރު އެކްސްޗޭންޖް އޭޓީއެމްތަކުގައި އެ ލާރި މާރުކުރަމުންދާތަން، އެއްވެސް ފިޔަވަޅެއް ނޭޅޭ
މެމްބަރު ވިދާޅުވީ، ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލޯނުވެސް ނުލިބޭ ކަމަށާއި، އެކަމުގެ ހުރިހާ ތަކުލީފެއް ކުރިމަތިލާން ޖެހެނީ އާންމު ރައްޔިތުން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ޤާނޫނުތައް ބައްޓަންކޮށް ރާއްޖޭގެ މާލީ ނިޒާމު ހިންގުމަކީ މަރުކަޒީ ބޭންކުން ކުރަންޖެހޭ ކަމެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ޣަފޫރު ވަނީ ރާއްޖޭގެ މާލީ ނިޒާމުގެ ކަންކަން ހިނގާގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

