ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ސައީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާގެ ފަރާތުން ހުށަހަޅާފައި އޮތީ ސިއްޙީ ފަރުވާގެ ބޭނުމަށް ޕާސްޕޯޓު ދޫކޮށްލަން އެދިއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މި އަޑުއެހުމުގައި ބުނީ، މިފަދަ މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދެވެނީ ރާއްޖޭގައި ނުކުރެވޭ ފަރުވާއެއް ކުރުމަށްކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ދައުވާއާ ގުޅޭ މައްސަލައެއްގައި އެގޮތަށް ނިންމާފައިވާކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ސައީދުގެ ފަރާތުން ހުށަހަޅާފައިވާ ލިއެކިއުންތަކަށް ބަލާއިރު، އެއީ ރާއްޖޭގައި ނުކުރެވޭ ފަރުވާއެއްކަން އެނގޭކަށް ނެތް ކަމަށެވެ.
މި މައްސަލައިގައި ޝަރީއަތުންވެސް ނިންމީ ސައީދުގެ ޕާސްޕޯޓު ދޫކޮށްލެވެން ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ އޮތީ އިބްތިދާއީ މަރުޙަލާ ނިމި ޝަރީއަތް ފަށަން ވެފައެވެ.
ޕީޖީ އޮފީހުން މީޑީއާތަކަށް މައުލޫމާތު ދީފައިވާގޮތުން 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް އެ ކުންފުނިން ފުރިހަމަކޮށްފައިނުވާކަމަށެވެ. އަދި ފެނަކަ ކުންފުނިންވަނީ މަސައްކަތްތައް ނިންމިކަން ކަށަވަރުކުރުމެއް ނެތި މަސައްކަތްތަކަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިކަމަށާއި އެ ކުންފުންޏަށް ނާޖާއިޒް މަންފާތަކެއް ހޯދައިދީފައިވާކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަން ހާމަކޮށްފައިވެއެވެ. ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީގެ އިތުރުން އިސްވެރިއެއްގެ މައްޗަށެވެ. އެގޮތުން އެމްޑީ ސައީދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރުމަށް ކަނޑައެޅިފައިވާކަމަށާއި މިކަމުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުންކަމަށެވެ.
ޕީޖީ އޮފީހުންވަނީ އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށްވެސް މި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. އެހެންކަމުން ސާބިތުވެއްޖެ ހާލަތެއްގައި 1 އަހަރާއި 7 މަސް އަދި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބުނެފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން ފެނަކަ ކުންފުންޏަށް 8،48،000 ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ބުނެފައިވެއެވެ.

