”ވާނުވާ“ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށް ފަހު ޝަރުތުތަކާއެކު ދޫކުރަން ފަށައިފައިވާއިރު، މިހާތަނަށް ދޫކޮށްފައިވަނީ 10 މީހެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ވަނީ ޓެގު އަޅުވާފައި ދޫކޮށްފައިވާ މީހުންގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން ”ސަންގަށް“ މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް 10 މީހަކު ދޫކޮށްފައިވާއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާ ގުޅޭ މައްސަލަތައް ހިމެނޭކަމަށެވެ.
އެހެންނަމަވެސް މާރާމާރީގެ މައްސަލަތަކުގައި ދޫކޮށްފައިވަނީ ހަމައެކަނި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު މީހުން އެކަނި ކަމަށާއި، މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގައި ބައިވެރިވެފައިވާ އެއްވެސް މީހަކު ދޫކޮށްފައިނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މީގެ އިތުރުން، 149 މީހެއްގެ އެސެސްމަންޓު ހެދުން ކުރިއަށް އެބައޮތް ކަމަށާއި، 83 މީހަކު ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ވަނީ ފަށާފައެވެ.
މިހާތަނަށް މިފަދަ މައްސަލަތަކުގައި ބަންދު މުރާޖައާ ކުރުމަށްފަހު ދޫކޮށްލާފައިވާ މީހުންނަށް ބަލާއިރު، އެމީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހު، 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެންނެވެ. އެގޮތުން އެމީހުން ދޫކޮށްލުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯޓުން އަންގާ ގަޑިތަކަށް ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.

