ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްއާއި ގުޅޭ ކުށްތަކުގައި އަޅާ ފިޔަވަޅުތައް ބޮޑުކުރުމުގެ ބިލު ކޮމެޓީއަށް

ފޮޓޯ: މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

މި ބިލު ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއެވެ. މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށައެޅި އިސްލާހެކެވެ. މި އިސްލާހަކީ ޓެކްސް ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކަށް ހައްލު ހޯދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ ބަދަލެކެވެ.

މި ބިލު ބަލައިގަތުމަށް މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު މީރާއަށް ދިނުމާއި، މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުން ހިމެނެއެވެ. މީގެއިތުރުން، ޓެކުހާގުޅޭ ކުށްތަކުގެ އަދަބުތައް ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރުން އިތުރަށް ވަރުގަދަކުރުމަކީވެސް މި އިސްލާހުގެ މުހިންމު މަޤްޞަދެކެވެ. މި އިސްލާހާއެކު މީރާއަށް ލިބިގެންދާ އިތުރު ބާރުތަކުގެ ތެރޭގައި، ޓެކްސް ނޫން އެހެނިހެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ބާރު ހިމެނެއެވެ. މިއީ މީރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިސްލާހުގެ ދަށުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތައް އިތުރަށް ފުޅާކުރެވި، އޭގެ ތެރޭގައި ދޮގު މަޢުލޫމާތު ހިމެނުމާއި، މަޢުލޫމާތު ނުހިމެނުމާއި، ލިޔެކިޔުންތައް ނުރަނގަޅުކޮށް ބެލެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ. މި ކުށްތަކަށް ކުރިން ދެވޭ އަދަބު 3 މަސްދުވަހާއި 1 އަހަރު ދުވަހުގެ ގޭ ބަންދުން، 3 މަސްދުވަހާއި 2 އަހަރު ދުވަހަށް އިތުރުކުރެވިފައިވެއެވެ. ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. މި ކުށްތަކަށް ކުރިން ދެވޭ 1 މަސްދުވަހާއި 6 މަސްދުވަހުގެ އަދަބުގެ އިތުރުން، 250,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންދެއެވެ.

މި އިސްލާހުގެ އެންމެ މުހިންމު އެއް ބަދަލަކީ ކުށްތަކަށް ފިޔަވަޅު އެޅުމަށް އޮންނަ 2 އަހަރުގެ މުއްދަތުގެ ޤައިދު ނެގިގެން ދިއުމެވެ. މީގެ ސަބަބުން ކުށްކުރާ ފަރާތްތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ފުރުޞަތު މީރާއަށް ލިބިގެންދާނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވޭ މި އިސްލާހަކީ ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިސްލާހުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުވެ، ޓެކްސް ދެއްކުމުގެ ނިޒާމަށް އިތުރު ބާރެއް ލިބިގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: