ދިވެހިރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކީ، ފަތުރުވެރިކަމުގެ ދާއިރާ އެވެ. މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، ”ޓޫރިޒަމް ޓްރަސްޓު ފަންޑު“ ގާއިމުކުރެވި، އޭގެ މަގްސަދުތަކާއި ހިންގާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ ގެޒެޓުކޮށްފަ އެވެ.
މި ފަންޑަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި، މާލީ ވަސީލަތްތައް ގާއިމުކޮށް، ސިނާއަތަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް އެޅުނު މުހިންމު އެއް ފިޔަވަޅަކަށް ވެގެންދާނެ އެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑު ގާއިމުކޮށްފައި ވަނީ ޓޫރިޒަމާބެހޭ ގާގާނޫނުގެ 45-4 ވަނަ މާއްދާގެ ދަށުންނެވެ. މި ފަންޑު ހިންގާނެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރެވިފައި ވަނީ މިނިސްޓްރީން އެކުލަވާލާފައިވާ ”ޓޫރިޒަމް ޓްރަސްޓް ފަންޑާބެހޭ ގަވާއިދު“ ގައެވެ. މި ގަވާއިދުގައި، ފަންޑުގެ މަގްސަދާއި، އޭގެ ސަބަބުން ދާއިރާއަށް ލިބޭނެ ކުރިއެރުމާއި ފައިދާތައް ބަޔާން ކުރެ އެވެ. އަދި ފަނޑު ފަންކްޝަން ކުރާނެ ގޮތުގެ އުސޫލު ވަނީ ތަފްސީލުކޮށްފަ އެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑު ގާއިމުކުރުމުގެ މައިގަނޑު މަގްސަދުތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް ދެފުށް ފެންނަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނާއި ތަޢުލީމީ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަންޑަށް ޖަމާކުރެވޭ ފައިސާއިން ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން މީގެތެރޭގައި ހިމެނެއެވެ.
މީގެ ސަބަބުން، ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ސަބަބުން ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވެ، ފަންޑުން ކުރާ އިންވެސްޓްމަންޓްތަކާއި، ގާބިލުކަން އިތުރުކުރެވިގެން ދާނެ އެވެ. އަދ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިންނަށް ޓޫރިޒަމް ދާއިރާއިން ލިބޭ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުމަށް މަގުފަހިވާނެއެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ އެކުލެވިގެން ވަނީ ތަފާތު އެކި ދާއިރާތަކުން ލިބޭ ފައިސާގެ މައްޗަށެވެ. މީގެ ތެރޭގައި މިނިސްޓްރީން ހިންގާ ހަރަކާތްތަކަށް ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބޭ ސްޕޮންސާޝިޕް ފައިސާއާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދައްކާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ހިމެނެއެވެ. އަދި ފަންޑުން ގާއި މުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާގެ އިތުރުން، އާންމުކޮށް އިޢުލާނުކޮށްގެން ހުޅުވައިލާ ބިޑްތަކުގައި ޓްރެއިނިންއަށް ނަގާ ފައިސާ ވެސް ފަންޑަށް ޖަމާ ކުރެވޭނެއެވެ.
ޓްރަސްޓް ފަންޑު ހިންގަންވާނީ، ޓޫރިޒަމާބެހޭ ގާނޫނާއި މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގަންވާނީ އެހެނިހެން ފަންޑުތަކާ ވަކީންނެވެ.
ފަނޑު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ، ”ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ“ އެވެ. މިއީ ފަނޑުގެ ހަރަކާތްތައް ރޭވިގެން ކުރިޔަށް ގެންދިއުމަށްޓަކައި ގާއިމު ކުރެވިފައިވާ ކޮމިޓީއެކެވެ. ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ތަމްސީލު ކުރާނެ މެމްބަރުންނެވެ. މި މިނިސްޓްރީތަކުން ކޮމިޓީގައި ތަމްސީލު ކުރާ މެމްބަރުން ވާން ޖެހޭނީ، ފަންނީ މައުލޫމާތު އެނގޭ އަދި ޒިންމާދަރުކަމާއި އެކު ކަންކަން ނިންމުމުގެ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެހީތައް ބަލަހައްޓަން ޖެހޭތީ އެވެ. އަދި ފަންޑުގެ ފައިސާ ހަރަދު ކުރާނެ ގޮތުގެ އިތުރުން، އެހެނިހެން ކަންކަމުގައި ފައިސާ ހަރަދު ކުރާނެ ގޮތް ގާނޫނާއި ގަވައިދުގެ ތެރެއިން ނިންމުމަކީ މެމްބަރުންގެ ޒިންމާ އެކެވެ.
މީގެއިތުރުން ފަންޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލުމަކީ ވެސް ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.
މި ގަވައިދުގައި، ފައިސާ ހަރަދު ކުރެވޭނެ ވަކިވަކި ދާއިރާތައް ބަޔާން ކުރެ އެވެ. އެގޮތުން ފަނޑުގެ މަގްސަދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ހަރަދު ކުރުން ކަށަވަރު ކުރުމަށްޓަކައި، ފައިސާ ހަރަދު ކުރެވޭނެ ދާއިރާތައް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް ހިންގާ ހަރަކާތްތަކާއި ވަސީލަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓު ކުރުން ހިމެނެ އެވެ. އަދި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތައުލީމާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށާއި، އާންމު އިޖުތިމާއީ ފައިދާ ލިބިދެނިވި ހަރަކާތްތައް ހިންގުމަށް ވެސް މި ފަންޑުން ހަރަދުކުރެވޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ.
އެކަމަކު މި ހުރިހާ ހަރަދެއް ވެސް ކުރެވޭނީ ފަންޑުގެ ސްޓޭޓްމަންޓާ އެއްގޮތަށެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވައިދުގައި ބުނާ ގޮތުގައި ފައިސާ ގަވާއިދާއި އެއްގޮތަށް އިންވެސްޓު ކުރެވިދާނެއެވެ. މިކަމުގެ ސަބަބުން، ފަންޑުން ކުރާ ހޭދައިގެ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެވެ އެވެ. އަދި ފައިސާ އިންވެސްޓު ކުރާނެ މިންވަރާއި، ދާއިރާތަކާއި، ކަމާއި ގުޅޭ އުސޫލުތައް ކަނޑައަޅާނީ ކޮމިޓީންނެވެ.
މި ފަނޑާއި ގުޅޭ ކަންކަމުގައި، ”ފަންޑުގެ ސްޓޭޓްމަންޓް އޮފް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ އިންވެސްޓްމަންޓް ޕްރިންސިޕަލްސް“ އެކުލަވާލައި ފަންޑުގެ ފައިސާ އިންވެސްޓު ކުރުމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރަން ޖެހެއެވެ.
މި ފަނޑުގައި އެންމެ ފަހުކަމަކަށް ފާހަގަކޮށްފައި ވަނީ، ފަނޑު އޮޑިޓު ކުރުމާއި ރިޕޯޓު ކުރުމުގެ ބައެވެ. އެގޮތުން ފަންޑުގެ ހިންގުން ދެފުށް ފެންނަ އަދި ޒިންމާދާރުކުރުމަށްޓަކައި، ކޮންމެ މީލާދީ އަހަރެއް ނިމުމުން ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރު ކުރުން ލާޒިމެވެ. މި ރިޕޯޓު އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި، އޮޑިޓަރ ޖެނެރަލްއާއި، މާލީ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ހުށަހަޅަންވާނެއެވެ. އަދި މި ހިސާބުތައް އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ދެ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

