އަރިއަތޮޅު އުތުރުބުރީގައި އޮންނަ ރަންފަރުފަޅަކީ އެ އަތޮޅުގެ މާޅޮސް ގެ ބައެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މުއިއްޒު މިފަދައިން ކަނޑައެޅުއްވީ ، ގާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ނަންބަރު 20/2025 ގެ ދަށުންނެވެ.
އެގޮތުން، ރައީސްގެ މި ގަރާރާއިއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ރަންފަރުފަޅަކީ އެ އަތޮޅުގެ މާޅޮސް ގެ ބައެއްގެ ގޮތުގައި އިތުރުކުރެވިގެންދާނެއެވެ. އަރިއަތޮޅު އުތުރުބުރީ ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަޕްޑޭޓޫކުރެވިފައެވެ.
ރައީސް މުއިއްޒު 2024 ވަނަ އަހަރުގެ ޑިސެމްބަރު، އއ، މާޅޮހު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި، އެ އަތޮޅުގެ ރަންފަރު ކަނޑައަޅައިދެއްވުމަށް ވައުދުކުރައްވައިފައެވެ.

