އެމްޑީޕީއަކީ ލާމަރުކަޒީ ބާރުވެރިކަން ލިއްބައިދިނުމަށްޓަކައި މަސައްކަތްކުރާ ޕާޓީކަމަށާއި ޕީއެންސީއަކީ އެ ބާރުތައް ކަނޑުވާލުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހި ދަރިއެއްކަމަށް ބުނާ ކޮންމެ ފަހަރެއްގައި ޕީއެންސީގެ މެމްބަރުން ފާޑުކިޔާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ގާނޫނުއަސާސީގައި އެ މަހުފޫމު ގެނައީ އެމްޑީޕީންކަން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރެކޯޑުތައް ބެލުމުން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އަނެއް ހަގީގަތަކީ ޕީއެންސީން އެ މަހުފޫމު ގަބޫލުނުކުރުން ކަމަށެވެ. އަދި އެ ޕާޓީން ބޭނުން ވަނީ މާލެއަށް ބާރުތައް ޖަމާކޮށްގެން އޭގައި ބަގުޑި ބައްދައިގެން ތިބެންކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް އެއްވެސް ބާރުވެރިކަމެއް ނުދިނުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ ބާރުތައް ލާމަރުކަޒުކޮށް އެކަމަށް ހިތްވަރުދޭ ޕާޓީކަމަށާއި އެމްޑީޕީގެ ވެރިކަންތަކުގައި އެމަގުން އެތައް މަސައްކަތްތަކެއް ކުރެވޭކަމަށާއި ޕީއެންސީ ނޫނީ ޕީޕީއެމްއަށް ލިބޭ ކޮންމެ ފުރުސަތެއްގައިވެސް އެ ނޫން ގޮތަކަށް އަނބުރާލާކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަމަލުކުރެއްވި ގޮތް ފެނިވަޑައިގެންފައިވާނެކަމަށް އިޝާރާތްކުރެއްވިއެވެ. އެ ދައުރުގައި ކައުންސިލުތަކަކީ ވިހާ މަރުވާ އަދަދު ގުނުމަށާއި މިސްކިތްތަކުގެ ފާރުގެ އާބާތުރަ ފިލުވުމަށް އޮންނަ މުއައްސަސާއަކަށްވާ ހިސާބަށް ކަންކަން ގެންދިޔަކަމަށެވެ. އަދި މާލޭގެ މޭޔަރުގެ އޮފީސްވެސް ގެންގޮސް ކުޑަ ކޮޓަރިއަކަށް ބަދަލުކުރިކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުން ކުރެއްވި އެންމެ ފުރަތަމަ ކަމަކީ އެ މުއައްސަސާތައް އޮތީ އެކި އާއިލާތަކުގެ ބާރުގެ ދަށުގައިކަމަށް ސިފަކުރެއްވުންކަމަށެވެ.
ޝާހިދު ވިދާޅުވީ، މަހަށްދާ ކަމުގެ ވާޙަކަތައްވެސް ދެއްކެވިކަމަށެވެ. އެކަން ކުރެއްވީ ކައުންސިލުތަކުގެ އަގު ވައްޓާލުމުގެ ނިޔަތުގައިކަމަށްވީނަމަވެސް ހަގީގަތުގައި އެއަށްވުރެ ޝަރަފުވެރި މަސައްކަތެއް ރާއްޖޭގައި ނޯންނާނެކަމަށެވެ. ނަމަވެސް ރައީސް ޑރ މުއިއްޒު އެ ވާހަކަތައް ދެއްކެވީ ކައުންސިލުތަކުގައި ކުރައްވަމުންދާ މަސައްކަތްތަކަކީ ބޭކާރު ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެއްވުމުގެ ގޮތުންކަމަށެވެ. އަދި ބޭރު ދަތުރުތައް ކުރައްވަމުންދާ ވާހަކަތައްވެސް ދެއްކެވިކަމަށާއި އެހެންކަމުން ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުގެ އިސްވެރިން ދަތުރުކުރައްވާފައިވާ މިންވަރު ބެލުމަށް ނޫސްވެރިންނަށް އެދިވަޑައިގަންނަވާކަމަށެވެ.

