ސަރުކާރަށް ކެރޭކަމުގައިވާނަމަ ދަރަނީގެ މައްސަލައާއި ކޮރަޕްޝަންގެ މައުޟޫއަށް އެމްޑީޕީއާއެކު ބަހުސަކަށް އައުމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ދަރަނީގެ ކަންކަން ސަރުކާރުން މެނޭޖް ކުރާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ ޕްރެޝަރ ކުރިމަތިވުމުން ކުރީ ސަރުކާރުގެ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، ކޮރަޕްޝަންގެ ކަންކަމުގައިވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ.
ރައްޔިތުންގެ ޕްރެޝަރ އަންނަ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ ވާހަކަ މިބޭފުޅުން ދައްކަވަނީ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، އެހެންކަމުން މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، ފައްޔާޒާއި މިދިޔަ ސަރުކާރުގެ މާލީ ވަޒީރާއެކު ދަރަނީގެ ވާހަކަ ދައްކާލުމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރަށް ގޮވާލައްވާ ކަމަށެވެ.
އެހެންކަމުން އެމްޑީޕީން އެ ދައުވަތު އަރުވާނެ ކަމަށާއި، ސަރުކާރުން ބަހުސަށް ވަޑައިގެންނެވުމަށް އެދިލައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކެރިވަޑައިގަންނަވަންޏާ ވަޑައިގަންނަވާށޭ، އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަރަނީގެ ވާހަކަ ދައްކާލާނަން،
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު އެހާ ބާރު ސްޕީޑުގައި ފާސްވެގެން ދިޔައީ ރައީސް ޑރ މުޙައްމަދުގެ ސީދާ އެންގެވުމާއި އިރުޝާދުގެ ދަށުންކަން އެނގިލައްވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ބިލު ތަސްދީޤު ނުކުރެއްވުމަށް ރައީސަށް ގޮވާލައްވާ ކަމަށެވެ.
ގައުމަށްޓަކާ ރައީސް މުއިއްޒަށް އަޅުގަނޑު ގޮވާލަން ތަސްދީގު ނުކުރައްވާށޭ. އަލުން ވިސްނަވާށޭ.
ފައްޔާޒް ވަނީ ސަރުކާރުން ކަންކަން ކުރާ ގޮތާމެދު ނުރުހުން ފާޅު ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

