ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުގެ ޒިންމާ މިއަދު އިތުރަށް ބޮޑުވެފައިވާއިރު އިގްތިސާދީ ހާލަތު ދިވެހި ރައްޔިތުންނަށް ފަހުމުވާނެ ގޮތަށް ސާފުކޮށްދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސަރުކާރުން ބުނި ނަމަވެސް، ތަކެތީގެ އަގު އުފުލި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރާފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. މި މައްސަލައިގައި ގަނަވަރު މުނައްވަރާއި މާލިއްޔަތު ކޮމިޓީން ބައްދަލު ކުރި ނަމަވެސް، އެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައިގައި އަމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތާއި، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ދައުރާއި މެދު ކަންބޮޑުވާކަމަށެވެ. އަމީން ވިދާޅުވީ ގައުމީ ނަޒަރިއްޔާތަކުން ބަލާއިރު އިގްތިސާދީ ކަންކަމާ މެދު ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް ކުރިމަތިވަމުންދާކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް ސަރުކާރާއި ކަމާއި ބެހޭ އެއްވެސް އިދާރާއަކަށް ނުވަތަ މުވައްސަސާއަކަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް އަމީން ވިދާޅުވި އެވެ.
އެމްއެމްއޭގެ މަސައްކަތްތަކާއި މެދު ސުވާލު އުފައްދައި އަމީން ވިދާޅުވީ މަރުކަޒީ ބޭންކަށް، އެއްވެސް މިންވަރަކަށް އިތުބާރު ނުކުރެވޭ ސަބަބަކީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ކޮންމެ ދުވަހަކު ވެސް މީޑިއާތައް މެދުވެރިކޮށް ހާމަކުރަން ޖެހޭ ހާލަތަށް ގޮސްފައިވުމެވެ.
އަމީން ވިދާޅުވީ ދިވެހިންނަށް މިއަދު މަރުކަޒީ ބޭންކުގެ ސަބަބުން، ފައިދާވުމުގެ ބަދަލުގައި ލިބެނީ އިންތިހާއަށް ގެއްލން ކަމަށެވެ. އަދި ޑޮލަރުގެ ދަތިތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު، ސާފު އެއްވެސް ޖަވާބެއް ދޭން އެމްއެމްއޭ ބޭނުން ނުވާއިރު ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ސިއްރިއްޔާތުގައިކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ އެމްއެމްއޭގެ ވެރިންނަށް މަގާމުގެ އެއްވެސް ޒިބްމާއެއް އަދާ ނުކުރެވޭ ކަމަށެވެ. މިހާލަތުގައި އެމްއެމްއޭއިން ވިޔަފާރިކޮށް، މިކަހަލަ ކަންކަން ކުރުމަކީ މި ވަގުތު މި ގައުމަށް މުހިންމު ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަމީން ވަނީ އެމްއެމްއޭގެ ގަވަނަރު ވަޑައިގެންނެވި ކޮމިޓީއެއްގައި އިގްތިސާދީ ހާލަތާއި ގުޅޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވުމެވެ. އެގޮތުން އިގްތިސާދަށް ކުރާނީ ހެޔޮ އަސަރެއްތޯ ނުވަތަ ގޯސް އަސަރެއްތޯ ގަވަރުނަރުގެ ވިސްނުންފުޅު އެ ދުވަހުގެ ބައްދަލުވުމުގައި ގަވަނަރަށް ސާފުކޮށް ނުދެވުނުކަމަށް އަމީން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރާ ސުވާލުތަކަށް، ގަވަނަރު އެއްވެސް ޖަވާބެއް ނުދެއްވުމަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރެއްގެ ޒިންމާ އަދާނުކުރެވުންކަމަށް އަމީން ވިދާޅުވި އެވެ.
އެމް.ޑީ.ޕީގެ 12 މެންބަރުން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށާއި ބައްދަލުކުރުމަށް ގަވަރުނަރުގެ ވިސްނުންފުޅަކީ، ކޮބައިތޯ ގައުމުގެ އިގުތިސާދާއި މެދު ބުނީމަ، ބުނީ، ތިހެން ވަރަށް ގިނަ މީހުން މިތަނަށް އަންނާނެއޭ.. އަދި އަންނަހާ ކޮންމެ ބަޔަކާ އަދި އަޅުގަނޑު ބައްދަލުކޮށް ކުރަންޖެހޭނެކަމަކަށް ގަބޫލެއް ނުކުރަމޭ… ރަނގަޅު ވާހަކައެއް އެބޭފުޅާ އެކަންޏެއް ނުވަންޏާ.. އެކަމަކު އެއީއެއް.. ނޫނޭ ގަވަރުނަރުގެ ޒިންމާއަކީ އެއަށްވުރެ ޒިންމާދާރު ވާން ޖެހޭނެއޭ މިއަދު މި އޮތީ.. ހަމަ ކޮންމެ ދުވަހަކު… އިގްތިސާދަށް ވަމުންދާ ގޮތާއި ކޮންމެ، މަހަކު އެ އަންނަ ބަދަލު ގަވަރުނަރު ނޫނަސް ސެންޓްރަލް ބޭންކުން ދިވެހި، ކޮންމެ ރައްޔިތަކަށް ފަހުމުވާނެ އެންމެ.. ފަސޭހަ އިބާރާތަކުން، ބޭނުން ކުރެވުނު ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ބުނެދޭން ޖެހޭ ހިސާބަށް ގޮސްފައޭ..
މީގެއިތުރުން އެމްޑީޕީގެ 12 މެމްބަރުން އެމްއެމްއޭގައި ގަވަނަރާއި، ބައްދަލުކުރުމަށް މަސައްކަތް ކުރުމުން ގަވަނަރު އެކަމަށް ދެކޮޅު ހެއްދެވިކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ ގަވަނަރުގެ ޖަވާބަކީ، ބައްދަލު ކުރުމަށް އަންނަ ކޮންމެ ބަޔަކާއި ބައްދަލު ނުކުރެވޭނެކަމަށެވެ.
އަމީން ވިދާޅުވީ އެމްއެމްއޭއިން އިގްތިސާދުގެ މައުލޫމާތު ސިލްސިލާކޮށް އާންމު ކުރަންޖެހޭކަމަށާއި، އަދި އެ ތަފްސީލު ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް ފަހުމުވާގޮތަށް ތައްޔާރު ކުރެވިފައިވާ ރިޕޯޓަކަށް ކަމަށެވެ. އަދި ގަވަނަރަކީ ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރާ ބޭފުޅަކަށް ވާން ޖެހޭކަމަށް ވެސް އަމީން ވިދަޅުވި އެވެ.

