ގެވެށި އަނިޔާގެ މައްސަލައެއްގައި ގެއެއް ބަލާ ފާސްކުރަނިކޮށް، 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅޭ ރިޕޯޓް ލިބިފައިވަނީ އޮގަސްޓް 7 ވަނަ ދުވަހުގެ 21:14 ހާއިރުކަމަށެވެ. ރިޕޯޓް ލިބުނީ ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވަނީ، ގެވެށި އަނިޔާގެ މައްސަލައާއި ގުޅިގެން ގެ ބަލާ ފާސްކުރަމުގެ ތެރެއިންނެވެ. މި ވޭޕް ފްލޭވާ ފުޅިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގެ ފަހުން ވޭޕް ވިއްކުންވެސް މަނާކޮށްފައެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
މިދިޔަ މަހު އެކަނި ވޭޕް ޖުރިމަނާގެ ގޮތުގައި 127000 ރުފިޔާ އަރާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ވަނީ މިދޔަ މަހުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިދިޔަ މަހު ވޭޕާ ގުޅޭ ތަފާތު 15 މައްސަލައެއްގައި 22 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ވޭޕް ކޮށްގެން 62000 ރުފިޔާ އަދި ވޭޕް ވިއްކައިގެން 7000 ރުފިޔާއިން ޖުރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވޭޕް ގެންގުޅެގެން ޖޫރިމަނާކުރި އަދަދަކީ 58،000 ރުފިޔާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހީންގެ އާންމު ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

