ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެމްބަރުން ކުޑަ ދަށުގައި ތިބޭ ހާލަތު ފެނުމުން ހިތާމަކުރައްވާކަމަށާއި ދޫކޮށްލައިފިނަމަ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކައުންސިލުތައްވެސް އެ ހާލު ޖެހިގެން ގޮސްދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ޒިޔާދު ވިދާޅުވީ، އަދިވެސް ކައުންސިލުތަކަށް ކުންފުނިތައް ހަދައިގެން ވިޔަފާރިތައް ކުރުމުގެ ފުރުސަތު އޮތްކަމަށް ސަރުކާރަށް ތާއީދު ކުރާ މަޖިލީސް މެމްބަރުން ވިދާޅުވާކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތުން ކުރަންޖެހޭ މަސައްކަތްތަކަކީ ހިޔާލީ މަޝްރޫއުތަކެއްގެ ތެރެއިން ހުވަފެން ދެއްކުންކަމަށް ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ މިހާުރު އޮތް ގޮތުން ހަތަރުވަނަ އަހަރާއި ޖެހެންދެން މީހުން ނެގުމުގެ މަސައްކަތްތައްވެސް ކުރެވިދާނެކަމަށެވެ. ނަމަވެސް މަޖިލީހަށް މިކަމުގައި ގަރާރެއް ހުށައަޅާފައިވާއިރު އެ މަސައްކަތްތައް ނިމޭއިރު އެގޮތަށް ކަންކަން ކުރުމަށް ޖާގަ ނެތުން އެކަށީގެންވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ތިއްބެވި މެމްބަރުންނަށް ކުރެއްވި އިލްތިމާސްއެއް މިހާރު ތިއްބެވި ކައުންސިލަރުންނަށްވެސް ކުރައްވަން އެދިވަޑައިގަންނަވާކަމަށް ޒިޔާދު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ކުޑަދޮށުގައި ތިބޭ ހާލު ފެނުމުން ދެރަވާކަމަށެވެ. އރ މެމްބަރުން ހާލުގައި ތިބީ މީގެ ކުރިން އެޅުނު ބައެއް ފިޔަވަޅުތަކުގެ ސަބަބުންކަމަށާއި އެހެންކަމުން މިއަދު ކައުންސިލުތަކުން ދޫކޮށްލައިފި ހާލަތެއްގައި މާދަމާ އޮތީ އެ ހާލުގައި ޖެހުންކަމަށް ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ، މިހާރު ގެއްލެމުން ދަނީ މާލީ ބާރުވެރިކަންކަމަށާއި މިހެން ކަންކަން ދަމުންގޮސް އޮފީހަށް ނުވަދެވޭ ހާލަތު އަންނާނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ޓެކްސްއާއި ގުޅޭ މުހިންމު ބިލެއް ހުށައަޅައި މަސައްކަތްތައް ކުރިއަށް ގެންދިޔައިރު އެއީ 100 ސަފުހާގެ ބިލެއްކަން އެނގުނީ ވޯޓުލައި ނިމުނު ފަހުންކަމަށެވެ.

