ރާއްޖޭގެ ހާލަތަށް ބަލާއިރު، ޕޭމަންޓު ސިސްޓަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މުސާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، މަކުނޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގު ވަނީ ގައުމީ ޕޭމަންޓު ސިސްޓަމް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅައިފައެވެ. އެގޮތުން، މި ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފަ އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މޫސާ ފާހަގަކުރެއްވީ، ގައުމީ ޕޭމަންޓު ސިސްޓަމް ގާނޫނަކީ، ދިވެހިރާއްޖެއަށް ބޭނުންވެފައިވާ، މުހިންމު އިސްލާހެއްކަމެވެ. އަދި އެ އިސްލާހު މުހިންމުވާ ސަބަބަކީ، ޕޭމަންޓު ސިސްޓަމް ގާނޫނު އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރެވުނުއިރު، މި ގާނޫނުގެ ތެރޭގައި ހިމެނޭ ކުންފުންޏެއް އުފައްދައިގެން، ޕޭމަންޓުތައް ޕްރޮސެސް ކުރެވޭނެ، ނިޒާމެއް ގާއިމުކުރުމަށް އެކުލެވިފަ އޮތް ގޮތް، ބަދަލު ކުރެވިގެންދިއުންކަމަށް މޫސާ ވިދާޅުވިއެވެ.
އޭގެ ސަބަބުން، އާންމު ރައްޔިތު މީހާއަށްވަނީ ކޮން ފައިދާއެއްތޯ… ގައުމަށް ވަނީ ކޮންފައިދާއެއްތޯ… މީ އަސްލު އުފެދޭ ސުވާލަކީ… ހަގީގަތުގަ އާންމު ރައްޔިތު މީހާ މިއަދު.. ބޭންކުގެ ޕީއޯއެސް މެޝިނަކު 1000 ރުފިޔާ ސޭލްސްއެއް ހެދީމާ.. އޭނަގެ އަތުން އިތުރަށް 250 ޕޭކުރެވިގެންދާނެ… ނަމަވެސް… މި ސިސްޓަމް ހަދާ، އިންޕްލިމެންޓުކުރެވި އެންމެން… މި… ބޭންކު… ބޭންކުތައް… ހުރިހާ ބޭންކުތައް މި ސިސްޓަމްގެ ތެރޭއިން އިންޓަގްރޭޓު ކުރެވުނީމަ.. އެ އަދަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާ… ނަތީޖާއަކީ ކޮބައިތޯ… ނަތީޖާއަކީ.. އާންމު ރައްޔިތު މިހާ ލިބޭ.. މުދަލުގެ އަގު ހެޔޮވެގެންދިޔުން…
މޫސާ ވިދާޅުވިގޮތުގައި، ޕޭމަންޓު ސިސްޓަމު ގާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުން، ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެކަމަށެވެ.
މޫސަ ވިދާޅުވީ، ޕޭމަންޓު ސިސްޓަމު ގާނޫނަށް އިސްލާހު ގެނެވި، ބައިނަލްއަގްވާމީ ފެންވަރުގައި ޕޭމަންޓު ސިސްޓަމެއް، ދުނިޔޭގެ އެހެނިހެން ބޭންކުތައް އެކުލަވާލުމުގެ ސަބަބުން، ޓްރެވެލް އޭޖެންސީއާއި މެދު ފަންތީގެ ވިޔަފާރިތަކުން ހަދާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ނުވަތަ އޮންލައިންކޮށް، ބޭރުގެ އެހެން ބޭންކުތަކުގެ އެކައުންޓުތަކަށް ކުރާ ޓްރާންސްފާ ކުރުމުގެ ހަރަދު ކުޑަވެގެންދާނެކަމަށެވެ. އަދި، ބަވަނަވަމުންދާ ދުނިޔޭގައި، ހަރުދަނާ ޕޭމަންޓު ސިސްޓަމެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ، ރާއްޖެއާއި ކައިރި އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް މިފަދަ ޕޭމަންޓު ސިސްޓަމުތައް ވުޖޫދަށް ގެނެސް، އެ ސިސްޓަމުތައް ބޭނުން ކުރަމުންދާކަމަށެވެ. އަދި، ރާއްޖެއާއި ކައިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ނޭޝަނަލް ޕޭމަންޓު ކޯޕަރޭޝަންސް 2008 އަށް އަހަރު ވުޖޫދުކުރެވުމާއިއެކު، އެ އިދާރާގައި، 3000 އެއް ހާ މުވައްޒަފުން މަސައްކަތްކުރާކަމަށާާއި، އެ އިދާރާގެ ޕޭމަންޓު ސިސްޓަމްގައި އެކުލެވިފައިވާ 800 އެއްހާ ބޭންކު އަދި ބައިނަލްއަގްވާމީ 1354 ބޭންކުތައްވެސް އެ ސިސްޓަމުގައި އެކުލަވާލެވިފައިވާކަމަށެވެ.
މީގެ ސަބަބުން، އެ ގައުމުގެ ވިޔަފާރިތަަކަށް އެތަކެއް މަންފާއެއް ލިބިފައިވާކަމަށް މޫސާ ވިދާޅުވިއެވެ.

