ޕީއެންސީގެ ބައެއް މެމްބަރުން ޕާޓީން ވަކިވާން ބޭނުންވާ ކަމަށާއި، ޕާޓީއާއި މެދު ނުރުހިފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވުމުން ޕީއެންސީގެ ގިނަ މެމްބަރުންތަކެއް އެކަމަށް ރައްދު ދެއްވައިފިއެވެ.
އައްބާސް ވަނީ ސޯޝަލް މީޑިއާގައި ޕީއެންސީގެ މެމްބަރުން ޕާޓީ ދެކެ ނުރުހިފައިވާކަމަށް ތުހުމަތު ކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އައްބާސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަކީ ޔަގީން ކަމެއް ކަމަށެވެ.
އައްބާސް ވިދާޅުވީ އިއްޔެ ބޭއްވުނު ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަގަޅު ސިޔާސަތުކަށް ބަސްނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެކަމަށާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނިކުންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
”ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ކިއަމުން ދިޔަހިދު އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްބެ ކަން ފާހަގަކޮށްލަން. ހަމަ އެހެންމެ މަނަދޫ ދާއިރާގެ އިސްޒަތްތެރި މެންބަރު ހުސްނީ ގެ އުދާސްތަށް ބޭރުކޮށްލަމުން ވިދާޅުވެފައި ވަނީ މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިސަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް“
މި ވާހަކަތަކަށް ޕީއެންސީގެ ގިނަ މެމްބަރުންތަކެއް ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީޖީ ލީޑަރު އިބްރާބިމް ފަލާހު ހިމެނެއެވެ. ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް އެފަދަ ބުހުތާނު ދޮގު ވާހަކަ ފެތުރުމަކީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ.
ފަލާހު ވިދާޅުވީ މެމްބަރު އައްބާސްއަށް މިފަދަ ”ފިތުނަ“ ފަތުރައިދޭމަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އެ ގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ.
”ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކިތައްމެ ނުބައިޕްލޭންތަކެށް ރާވާމިފަދަ މޮޔައިންލަށްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ، ޤާނޫނު އަސާސީގެ 73 މާއްދާގެ ހ.ގައިބުނާ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާހިސާބައްގޮސްފި، މިފަދަ ފިތުނަވެރި ނުބައިވާހަކަތަށްފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭކަ މެއްކަމުގައި ދެކުމަކީ ވަރައްބޮޑި ކުށްހީއެއް މީގެން އަނަގައިދެނީ ތިމާއަކީ އެއްވެސް އަޚްލާގެއްނެއިތް ބުއްދިގޯސް މޮޔައެއްކަން“
މެމްބަރު އިމްރާން ވިދާޅުވީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު، ރައްޔިތުންގެ މަޖިލީސް ގެ މެންބަރުކަމުގެ ޒިންމާ ނަންގަވައިގެން ހުންނެވި ފަރާތަކުން މިފަދަ ޒިންމާދާރުކަން ކުޑަ ދޮގު ހަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރުކަމެއް ނެތް އަދި ލަދުވެތި ކަމެއް ކަމަށެވެ.
”އަދި މަޖިލީސް މެންބަރު ކަމަކީ ކޮމެޑީ އަކަށް ނަހައްދަވާ“
ޕީއެންސީގެ ޕީ.ޖީ ގްރޫޕާ ގުޅުވައި އެހެން ޕާޓީއެއްގެ މެމްބަރެއް ދައްކަނީ ހަޤީޤަތާ ހިލާފު އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމުގައި މެމްބަރު ޝިޖާއު ވެސް ވަނީ ވިދާޅުވެފައެވެ. ހަޤީޤަތާ ހިލާފު ވަހަކަ ފަތުރައިގެން ޕީއެންސީ ޕީ.ޖީ ގްރޫޕް ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރަށް އައްބާސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ބައެއް މެމްބަރުންގެ ތެރެއިން ހުސްނީ ވިދާޅުވީ ޕީ.އެން.ސީ ޕީޖީ ގްރޫޕް ބައްދަލުވުމެއްގައި ހުސްނީ ދެއްކި ވާހަކަތަކެއްކަމަށް ބުނެ، ފާހަގަކޮށްފައިވާ ކަންކަމަކީ އެއްވެސް އަސްލެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ޒިންމާދާރު މަޤާމެއްގައި ހުރެ، ހުސްނީއަށް ނިސްބަތްކޮށް ވާހަކަތަކެއް ސޯޝަލް މިޑިއާގައި ދެއްކުމުގެ ކުރިން އެކަން ކަށަވަރުކޮށްލުން އެއީ ޒިންމާދާރުގޮތެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި މެމްބަރުންގެ އިތުރުންވެސް ޕީއެންސީގެ އެތައް މެމްބަރުންނެއް ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

