ކުރިން އަންގާފައި ނެތް ޝަރުތެއް އުފަންކޮށް އެ ޝަރުތުގެ މައްޗަށް ބިނާކޮށް މީހަކު ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ އަދާލާތުގެ ހަމައެއްނޫންކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ ސިފްކޯއިން ހުޅުމާލޭގައި އިމާރަތްކުރާ 300 ހައުސިންގ ޔުނިޓުގެ ތެރެއިން ޔުނިޓެއް ކ މާލެ މ ހިރިނައިދޫ އަލީ ވަޙީދުއަށް ލިބޭކަމަށް އެންގުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެ ކޯޓުން ކުރި ޙުކުމުގައެވެ.
މި މައްސަލައިގައި އޭނާއަށް ފްލެޓު ލިބޭކަމަށް ކަނޑައެޅުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވަނީ އޭނާއަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާކަމަށް ބުނެއެވެ. ނަމަވެސް އެއީ ފްލެޓަށް އެދުނުއިރުވެސް އަދި ފްލެޓު ލިބޭކަމުގެ ލިއުން ދޫކުރިއިރުވެސް ނެތް ޝަރުތެއްކަން އޭނާގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ނިންމެވި ގާޒީ ވިދާޅުވީ، ޤަވާއިދަށް ބަލާއިރު، ފްލެޓު ލިބޭކަމަށް ކަނޑައަޅަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ޕޮއިންޓު ދީ، އެ ޕޮއިންޓުގެ މައްޗަށް ބިނާކޮށް އިސްކަންދޭ ތަރުތީބުވެސް ކަނޑައަޅައި، ޑައުންޕޭމަންޓު ދެއްކުމަށްފަހު ކަމަށެވެ. އަދި އެ އުސޫލުގެ މަތިން ފްލެޓުވެސް ލިބޭކަމަށް ކަނޑައަޅައި، ޑައުންޕޭމަންޓު ދެއްކުމާއި ފްލެޓު ޙަވާލު ކުރުމާ ދެމެދު ޝަރުތެއް އުނިވެއްޖެނަމަ ދެން ވާނެ ގޮތެއް ބަޔާންކޮށްފައިވެސް ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ވީއިރު އެހިސާބުން ދެން ފްލެޓު ނުލިބޭނެކަމަށް ކަނޑައެޅުމަކީ އަދުލުގެ ހަމަތަކާ ޚިލާފު ކަމެއްކަމަށް ޝަރީއަތުން ދެކޭކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި މައްސަލައަށް ބަލާއިރު، ޝަރުތު ހަމަވޭތޯ ބެލުމުގެ އެންމެ ފަހުގެ ތާރީޚަކީ ޝަރުތުގެ މައްޗަށް ބިނާކޮށް ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި ފްލެޓުގެ ޙައްޤުވެރި ފަރާތަށް އަންގާ ހިސާބުން ކަމަށާއި، އެ ހިސާބުން ޑައުންޕޭމަންޓު ދެއްކުމުގެ ޒިންމާވެސް އަދާކޮށް ނިމިފައިވާތީ މި މުއާމަލާތުގައި ޝަރުތު ހަމަވޭތޯ ބެލުމުގެ މަރުޙަލާ ނިމިފައިވާކަމަށް ބަލަންޖެހޭކަމަށް ގާޒީ ވިދާޅުވިއެވެ.
ފްލެޓު ދިނުމުގެ ގޮތުން އެކުލަވާލި ޤަވާއިދު ނުދަންނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، ފްލެޓު ނުލިބޭނެކަމަށް ނިންމުމަކީ ޝަރުއީ ހަމައެއް ނޫންކަމަށްވާތީ، ދައުވާކުރާ ފަރާތުގެ ކިބައިން އަތުލާފައިވާ ފްލެޓު ،ފްލެޓު ދިނުމަށް އެކުލަވާލާފައިވާ ޤަވާއިދު ނިޔާކުރާގޮތުން ދައުވާކުރާ ފަރާތަށް ޙައްޤު
އެހެންވެ ދެފަރާތުގެ ދެމެދުގައި އުފެދިފައި އޮތް އެއްބަސްވުމަށް އިޙްތިރާމު ކުރަންޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ.
މީގެ އިތުރުން، އެހެން މައްސަލައެއްގައި އޭނާ މައުލޫމާތު ދީފައިވާ ގޮތެއްގެ ސަބަބުން އޭނާއަށް ފްލެޓު ލިބިފައި އޮތް އޮތުމަކީ ސިވިލް ކޯޓަށް ހުށަހެޅިފައި އޮތް މި މައްސަލައިގެ ސުވާލެއް ނޫންކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ސިފްކޯއިން ދައުވާއަށް ޖަވާބުދާރީވީއިރު ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާއިންވެސް ބޮޑަށް ބާރު ލިބިދެނީ ދައުވާލިބޭ ފަރާތަށްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ނިންމުމުގައި ބުނެފައިވަނީ ދިރިއުޅޭތަނެއް ލިބިފައި އޮތްކަމަށް ބެލުމުގައި އަދާލާތުގެ ހަމަތަކުން ޙައްޤެއް އުފަންވެފައި އޮއްވައި އެ ޙައްޤެއް ނިގުޅައިގަނެވޭނީވެސް އަދާލާތުގެ ހަމަތަކުގެ މަތިން ކަމަށެވެ.
ވީއިރު، ކުރިން އަންގާފައި ނެތް ޝަރުތެއް އުފަންކޮށް އެ ޝަރުތުގެ މައްޗަށް ބިނާކޮށް އޭނާ ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ އަދާލާތުގެ ހަމައެއްނޫންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ ދައުވާކުރާ ފަރާތުގެ ނަމަކީ ފްލެޓު ލިބޭ މީހުންގެ ލިސްޓުން އުނިކުރެވިފައިވާ ނަމެއް ނޫންކަމަށް ބެލުމަށް ކަނޑައަޅުއްވާފައެވެ. އަދި ފްލެޓާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށާއި، ފްލެޓާއި ފްލެޓުގެ ތަޅުދަނޑި ޙަވާލުކުރުމަށް ޝަރީއަތުން ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު އީސާފުޅެވެ.

