މަގުތައް ތަރައްގީ ކުރުމުގައި ބައެއް ރަށްތަކުން ތާރުއެޅުމާއި، ގާއެތުރުމުގެ ވިސްނުމާއި އެއްބަސް ނުވާކަން އެނގިވަޑައިގަންނަވާކަމަށާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގިނަ ފިޔަވަޅުތައް އެޅުއްވިކަމަށެވެ. އެގޮތުން ހުރިހާ ރަށަކަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިދުމަތް ދީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކާއި ހަވާލުކުރެވި ބައެއް މަޝްރޫއުތައް ހިނގަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަށެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމުގައި ތަފާތު އެކި ދާއިރާތަކުން މަޝްރޫއުތައް ކުރިޔަށް ގެންދިއުން ހިމެނޭ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއާއި، ތައުލީމު އަދި ކުޅިވަރު ހިމެނޭ ގޮތަށް ހިންގަން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގެ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮންމެ ރަށަކަށް ވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ރައީސް ވިދާޅުވީ ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުން ނުވަތަ ރަނގަޅު ފެންވަރެއްގައި މަގުތައް ހެދިފައި ނެތުމެވެ. މަގުތައް ތަރައްގީ ކުރުމުގައި އެކި ރަށްތަކުން ގެންގުޅޭ ވިސްނުން ތަފާތުވެފައި، މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ގޮތް ތަފާތުކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ބައެއް ރަށްތަކުން މަގުތައް ތަރައްގީ ކުރުމަށް ބޭނުން ވަނީ ތާރު އަޅައިގެން ނުވަތަ ގާ އަތުގައިގެން ނަމަވެސް އެއްބައި ރަށްތަކުން އެ ދެގޮތް ވެސް ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބަކީ އެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައި އޮތުމާއި، ތަރައްގީއަކީ ހަމައެކަނި ތާރު އެޅުންކަމުގައި ނުވުންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ބައެއް ރަށްތަކުގައި އެގޮތަށް މަގު ތަރައްގީވެގެން އަންނަ އިރު، ރަށުގެ އަސްލު ސިފަ ގެއްލިގެންދާކަމަށް ބައެއް ރައްޔިތުން ދެކެއެވެ.
މަގުތައް ތަރައްގީ ކުރުމުގައި ގެންގުޅެން ޖެހޭ ސިޔާސަތުތަކާއި ގުޅޭގޮތުން މިވަގުތު ބަހުސެއް ވެސް ވަނީ އުފެދިފަ އެވެ. އަދި ބައެއް ރަށްތަކުން ވަނީ ތާރުއަޅައިގެން އެ ރަށުގެ މަގުތައް ތަރައްގީ ކުރުމަށް ދެކޮޅު ހަދައި ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ގެނެސް މަގުތައް ލެވެލްކޮށް މަގު ހެދޭނެ ގޮތެއް ހަދައިނުމަށް އެދިފަ އެވެ.
އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށެވެ. އަދި ތަރައްގީއާއި ގުޅުން ހުރި އެއްވެސް މަޝްރޫއުއެއް އެ ރަށެއްގެ ރައްޔިތުންނާއި އެއްވެސް ވަރަަކަށް މަޝްވަރާ ކުރުމެއް ނެތި އެފަދަ ގޮތަކަށް ގޮތް ނުނިންމަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މަގު ހެދުމުގެ ވާހަކަ.. އަޅުގަނޑުމެން މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށ.ް. ރައްޔިތުންނަށް ފައިދާވާ ގޮތަށް.. ކޮންމެ މަޝްރޫއެއް ވެސް ހަގީގަތުގައި.. ބައެއް ރަށްރަށުގައި ރައްޔިތުން ބޭނުމެއް ނުވޭ، އެހެން ބައެއް ރަށްރަށުގައި ހަދާ ގޮތަށް ތާރު އަޅަން.. ބައެއް ރަށްރަށުން ބޭނުން ވަނީ ގާއަތުގައިގެން އެކަން ކުރަން.. އެހެން ރަށްތަކުން ބޭނުން ވަނީ މީގެއިން އެއްވެސްކަމެއް ނުކޮށް ރީތިކޮށް ފަސްގަނޑު އެއްވަރުކޮށް ފެންގަނޑު ހިނދޭ ގޮތަށް، ޑްރެއިންވާ ގޮތަށް ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށުގައި ހާއްސަކޮށް އެހެން ބޭނުން ވަނީ..
ރައީސް ވިދާޅުވީ ހިތާދޫގައި މަގު ތަރައްގީ ކުރާނެ ގޮތަކާއި މެދު ރައްޔިތުން ބޭނުންވާ ގޮތް ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މަޝްވަރާ ކުރާ ގޮތެއްގެ މަތީން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.

