ހުވައެއް ކުރަންޖެހޭ ދައުލަތުގެ ވަޒީފާތަކާއި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ހުވާ ކުރުމުގެ ޤާނޫނީ ނަތީޖާ ސާފުކޮށްދިނުން މިހާރަށްވުރެ ހަރުދަނާވާން ޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިފަދައިން ނިންމާފައިވަނީ ގދ. ތިނަދޫގައި ހިނގި ވޭޕު މައްސަލައެއްގައި ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއް އެ މަގާމަށް ހުވާކޮށްފައި ނުވާކަމަށް ހައިކޯޓުގައި ފާހަގަކުރެވުމާ ގުޅިގެންނެވެ. މި މައްސަލައިގައި އެ އޮފިސަރު ބަންދު ނުކުރަން މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.
ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ވަޒީފާއާއި މަޤާމުތަކަށް ކުރިމަތިލައި، އެފަދަ މަޤާމުތަކަށް ހޮވޭ ނުވަތަ އައްޔަނު ކުރެވޭ މީހުންގެ ފަރާތުން އެ ވަޒީފާއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ ހުވައާއި، ހުވާގެ އިޤުރާރުގައި ސޮއި ކުރުމުގެ ޤާނޫނީ ނަތީޖާ ސާފުވާ ގޮތެއްގެ މަތިން ކަންކަން ބައްޓަންކުރަން ޖެހެއެވެ.
މީގެއިތުރުން، މަޤާމުގެ މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރަންޖެހޭ ގޮތާއި، ޤާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައްވެސް އިތުރަށް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.
ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީ އެކުލެވޭ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

