އެމްޑީޕީގެ މަޖިލީސް މެމްބަރަކު ހިމެނޭހެން ވަފުދެއް ހަދައިގެން ދަތުރުކޮށް ޔޫރަޕިއަން ޔުނިއަނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖެއާއި ގުޅޭގޮތުން ދޮގު މައުލޫމާތުތަކެއް ދީފައިވާކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ތުހުމަތުކުރައްވައިފިއެވެ.
އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ކުރެއްވި ސުވާލަކަށް ރައްދު ދެއްވައި މިނިސްޓަރ ހަލީލް ވިދާޅުވީ، އެޕާޓީއަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުވުމަށްޓަކައި އަމަލީގޮތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީހުން ފެނިގެންދާ ޕާޓީއެއްކަމަށެވެ. މިގޮތުން ވަފުދުތައް ހައްދަވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުވުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔަކަމަށާއި އެއީ އަމިއްލަ މަސްލަހަތެއް ހާސިލުކުރުމުގެ ގޮތުން ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި ގައުމު ނިކަމެތިވެގެންދާފަދަ އަމަލެއް ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ތަކުރާރުކުރެއްވިއެވެ.
ހަލީލް ވިދާޅުވީ، އެމްޑީޕީންވަނީ މި އަހަރުގެ ތެރޭގައިވެސް އެފަދަ އަމަލެއް ހިންގާފައިކަމަށެވެ. މިގޮތުން މަޖިލީހުގެ މެމްބަރަކުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޔޫރަޕިއަން ޔުނިއަންއާއި ބައްދަލުކުރެއްވުމުގެ ގޮތުން ދަތުރުކުރެއްވިކަމަށާއި ރާއްޖެއާއި ގުޅޭގޮތުން ދޮގު މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރުގައި ޝަރުއީ ދާއިރާގެ އިސްލާހަށްޓަކައި ކުރި މަސައްކަތްތައް އޮޅުން އަރައިގެންދާ ގޮތަށް ހިއްސާކުރެއްވިކަމަށެވެ.

