ނިމިދިޔަ އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ފުދުންތެރިކަން ނެތް ފަރާތްތަކާއި މިސްކީނުންނަށް 43 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޒަކާތާއި ބެހޭ ބިލާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވެސް ވަނީ ބިލުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައިކަމަށެވެ. ނަމަވެސް މި ބިލުގެ ސަބަބުން މުދަލުގެ ޒަކާތް ނެގުން ފަދަ މަސައްކަތްތައް ކުރާއިރު ޑަބަލްކޮށް ނެގިގެންދާކަމުގެ ކަންބޮޑުވުން އޮތްކަމަށް ހިއްސާކުރައްވަމުންދާކަމަށް އަލިއެޅުއްވިއެވެ.
ފަލާހު ވިދާޅުވީ، ބިލު ރަނގަޅަށް ބެއްލެވުމުން އެކަމަށްވެސް ހައްލުތަކެއް އޮތްކަން ފެނިވަޑައިގަންނަވާނެކަމަށެވެ. އަދި މިއީ ގިނަ މާއްދާތަކެއްގެ މައްޗަށް އެކުލެވިފައިވާ ބިލެއްކަމަށްވުމުން އެއްކޮށް ވިދާޅުނުވެ ބަހުސްކުރާނަމަ ފުށުއެރުންތައް ހުރުން އެކަށީގެންވާކަމަށެވެ. މެމްބަރު ވިދާޅުވީ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ފަންޑެއް އުފެއްދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެއްކަމަށާއި މި ބިލުގެ ސަބަބުން އެކަން ފުރިހަމަކުރެވިގެންދާކަމަށެވެ.
މެމްބަރު ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ޒަކާތުގެ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ލިބޭ ގައުމެއްކަމަށެވެ. މިގޮތުން މި އަހަރާއި މިދިޔަ އަހަރުވެސް ޒަކާތުގެ ގޮތުގައި ގާތްގަނޑަކަަށް 100 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިއްސާކުރެއްވިއެވެ. ފަލާހު ވިދާޅުވީ، މި ފައިސާއިން 2024 ވަނަ އަހަރުގެ ތެރޭގައި ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޭސް ފަރުވާގެ ގޮތުގައި 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި މި އަހަރުގެ ތެރޭގައިވެސް މިހާތަނަށް 8 މިލިއަނަށްވުރެ އިތުރު އަދަދެއް ހަރަދުކުރެވިފައިވާކަމަށެވެ.
ފަގީރުންނާއި މިސްކީނުންނަށް ނިމިދިޔަ އަހަރުގެ ތެރޭގައި 43 މިލިއަން ރުފިޔާ ހަރަދުކޮށްފައި އޮތްއިރު މި އަހަރުގެ މިހާތަނަށްވެސް 14 މިލިއަނަށްވުރެ އިތުރު އަދަދެއް ހަރަދުކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. ފަލާހު ވިދާޅުވީ، މިކަމަށް ގާނޫނެއް ހެދުމަކީ މުހިންމުކަމެއްކަން މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންވެސް ގަބޫލުކުރައްވާނެކަމަށެވެ.
ފަލާހު ވިދާޅުވީ، މިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރައްވާނެކަމަށާއި ހަގީގަތުގައި މެލޭޝިއާ ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަކާތާއި ބެހޭ ބޮޑެތި ގާނޫނުތައްވެސް ހެދިފައިވާކަން ފެނިގެންދާކަމަށެވެ. އަދި ރާއްޖޭގައި ވުޖޫދުކުރުމަށް މަސައްކަތްކުރަމުންދާ ގާނޫނު ފަރުމާކޮށްފައިވަނީ ސައުދީގައި މިކަމަށްޓަކައި އެކުލަވާލާފައިވާ ގާނޫނު އަސްލެއްގެ ގޮތުގައި ބަލައިގެނެކްމަށް ވިދާޅުވިއެވެ.

