ޝާރުކް ޚާން އަދި ދީޕިކާ ޕަދުކޯން ސްޓާކޮށް ކުޅެފައިވާ ”އޯމް ޝާންތި އޯމް“ ފިލްމަކީ މިއަދާ ހަމައަށްވެސް ގިނަ ބަޔަކު ލޯބިވާ ފިލްމެކެވެ. މި ފިލްމުގައި އޯމް، ޝާންތިޕްރިޔާ އަލިފާނުން ސަލާމަތްކުރަން މަސައްކަތްކުރާ މަންޒަރު ނަގާފައިވަނީ މުންބާއީގެ މުކޭޝް މިލްސްގައެވެ.
މަހިންދްރާ އެންޑް މަހިންދްރާގެ ޗެއާޕާސަން އާނަންދް މަހިންދްރާ ވިދާޅުވި ގޮތުގައި، މި ތަނަކީ އަލިފާނުގެ ހާދިސާއެއްގައި ހަލާކުވެފައިވާ ތަނަކަށްވުމުން، ފިލްމުގެ ވާހަކައާ ގުޅޭތީ ޝާރުކް ޚާން އެ ތަން ހޮވީކަމަށް ލަފާކުރެވެއެވެ. އެއީ ފިލްމުގެ ވާހަކައިގައިވެސް އަލިފާނާއި އަލުން އުފަންވުން ހިމެނޭތީއެވެ.
2025 ޔެޒްދީ ރޯޑްސްޓަރ މޮޓޯސައިކަލް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާނަންދް މަހިންދްރާ ބުނީ، ”މިތަނާ އޯމް ޝާންތި އޯމް ވަރަށް ބޮޑަށް ގުޅިފައިވޭ. ޝާރުކް މިތަން ހޮވީވެސް ވަރަށް ރަނގަޅު ސަބަބަކާ ހުރެ. މިތަނުގެ ތާރީޚުން އޭނާއަށް އިލްހާމް ލިބުނުކަންވެސް އެކަށީގެންވޭ.“
އާނަންދް މަހިންދްރާ ފާހަގަކުރެއްވި ގޮތުގައި ޝާރުކް ޚާން 1994 ވަނަ އަހަރު ކުޅެފައިވާ ”ކަބީ ހާން ކަބީ ނާ“ ފިލްމުގައިވެސް ޔެޒްދީ މޮޓޯސައިކަލް ބޭނުންކޮށްފައިވެއެވެ. ”ޝާރުކް މި ބްރޭންޑަށް ވަރަށް ލޯބިކުރޭ. އޭނާގެ ފުރަތަމަ ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ކަމަށްވާ ކަބީ ހާން ކަބީ ނާގައި އޭނާ ޔެޒްދީ ބޭނުންކޮށްފައިވޭ“ އާނަންދް މަހިންދްރާ ވިދާޅުވިއެވެ.
މުކޭޝް މިލްސްއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ނަގާފައިވާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. އަދި މިއީ ބިރުވެރި ވާހަކަތަކާ ގުޅިފައިވާ ތަނެއްގެ ގޮތުގައިވެސް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ފާހަގަކުރެއެވެ.

