ބ. ދޮންފަނުގައި 3 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ، މިދުވަސްވަރުގައި، ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން، ދޮންފަނުގައި ތިން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އެ އެއްބަސްވުމުގައި ދަށުން ކުރެވޭ މަސައްކަތްތަކަކީ،
- ބަނދަރު ނެރު ބަދަލު ކުރުން
- ބިން ހިއްކުމާއި، ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުން
- މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން
ދޮންފަނުގައި ތިން މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުގެ މަސައްކަތްތައް ކުރުމަށްޓަކައި ހަވާލުކުރެވުނީ، ދައުލަތުގެ ހިއްސާވާ ކުންފުނިކަމަށްވާ، އެމްޓީސީސީއަށެވެ. އެގޮތުން، މި މަސައްކަތްކުރުމަށްޓަކައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި އެއްބަސްވުމުގެ ދަށުން، 13 ހެކްޓަރުގެ ބިންހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 1229 މީޓަރުގެ ރިވެޓްމަންޓް އަދި 125 މީޓަރުގެ ބްރެކްވޯޓާއެއް ލެވިގެންދާނެވެ. އަދި، އެ ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން، 25 މީޓަރުގެ 2 ފައިކަށި، 15 މީޓަރުގެ 1 ފައިކަށި ލެވިގެންދާއިރު، އެ ރަށުގައި ބަނދަރެއް ގާއިމުކުރެވިގެންދާނެއެވެ. އެ ބަނދަރުގައި 42 މީޓަރުގެ ޖެޓީއެއް ލެވިގެންދާނެއެވެ.
މަޝްރޫއުގެ މުހިއްމުކަން
ދޮންފަނުގައި ބަނދަރެއް ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ތަނަވަސް ބަނދަރެއް ގާއިމުކުރެވިގެންދިޔުމަކީ، އެ ރަށުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށްޓަކައި ބޭނުންކުރާ ފެރީ ނުވަތަ ލޯންޗުގެ ލަފާފުރުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެވެ. އަދި، މި ބަނދަރާއިއެކު، އެ ރަށުގެ ވިޔަފާރިތަކަށް، ބޭނުންވާ މުދާ، އަރުވާ، ބޭލުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ޖުމްލަ ގޮތެއްގައި، އެ ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމެކެވެ.
މީގެއިތުރުން، ދޮންފަނުގައި ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން، އެ ރަށުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. އަދި، އެ ހިއްކާާ ބިމުގެ ގޮނޑުދޮށް، ހިމާޔަތްކުރުމަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރަށް ގިރުމުން ރައްކާތެރިކޮށްދޭނެކެމެކެވެ.
ހަމައެއާއިއެކު، ދޮންފަނުގައި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމަށްވެސް ހަމަޖެހިފައިވާއިރު، އެ ސަރަހައްދު ތަރައްގީކުރުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންގެ ހަށިހެޔޮކަމާއި، މަޖާކުރުމަށްޓަކައި، މޫދަށް އެރޭނެ ފަހި ޖާގައެއް ލިބިގެންދާނެއެވެ. އެގޮތުން، އާހިރު ނަތީޖާއަކަށް ވެގެންދާނީ، އެ ރަށުގެ ރައްޔިތުންނަށް އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުމަށް މަގުފަހިވެގެންދިޔުމެވެ.

