ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ”ދަރުމަވަންތަ“ އިން ދައްކުވައިދެނީ ދިފާއީ ރޮނގުން އެއްބައިވަންތަކަން ބަދަހިކުރުމުގެ އަޒުމްކަމަށް ތުރުކީގެ ނޭވީ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކަދިރް ޔިލްޑްޒް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑްމިރަލް ޔިލްޑްޒް ވިދާޅުވީ، މި މަނަވަރު ބޭނުންކުރުމުގެ ތަމްރީނު ޕްރޮގްރާމުތަކެއް މޫދާއި ބަނދަރުގައިވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ދިފާއީ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޑްމިރަލް ޔިލްޑްޒް ވިދާޅުވީ ކަނޑުގެ އަސްކަރިއްޔާތަކަކީ ހަމައެކަނި ބަނދަރުތަކަށާއި ކަނޑުތަކަށް ޖަމާވާ ބައެއް ނޫން ކަމަށާއި، ”އެއީ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އެހީތެރިކަން އިތުރުކޮށްދޭ ފާލަމެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ބައެއް“ ކަމަށެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެ ބޮޑު އުޅަނދެވެ. މި މަނަވަރަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދެކެވެ.
މި މަނަވަރުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ދިވެހި ސިފައިންނަށް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

