ފްލެޓުތައް ބިނާކުރުމަށް ހިނގާ ޚަރަދަކީ ރައްޔިތުންނަށް ސާފުވާންޖެހޭ މަޢުލޫމާތެއްކަމަށާއި، އިތުބާރު ހިފޭ ގޮތެއްގައި ދައުލަތުގެ މުއައްސަސާއަކުން އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ކޮންމެ މުއައްސަސާއަކުން ކުރިއަށް ގެންދިޔަ ނަމަވެސް ޕްރޮޖެކްޓުތައް ހިންގުމަށް ދާ ޚަރަދާއި ފްލެޓުތަކެއް ބިނާކޮށް ނިންމުމަށް ކުރެވޭ ޚަރަދު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ހިޔާ ފްލެޓުގެ އަގު ރައްޔިތުންނަށް ސާފުކޮށް ނުދެވޭކަމަށާއި، އެއީ ޔަގީންކުރެވިފައި އޮންނަންޖެހޭ މަޢުލޫމާތުތަކެއްކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
އަމިއްލަފުޅަށް ކުރެއްވި ދިރާސާއެއްގައި ދެ ކޮޓަރީގެ ފްލެޓެއްގެ އަގުގެ ގޮތުގައި މަހަކު 4,500 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 6,500 ރުފިޔާ ޖެހޭކަމަށް ފާހަގަކުރައްވަމުން، ޣަފޫރު ވިދާޅުވީ ދެ ކޮޓަރީގެ އެޕާޓްމަންޓެއް އިމާރާތްކުރުމަށް 45,000 ޑޮލަރު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 57,000 ޑޮލަރު ޚަރަދުވާކަމަށެވެ.
ސަރުކާރުތައް ބަދަލުވެގެންދާއިރު ވެސް މި މައްސަލައިގައި ރައްޔިތުންނަށް އެއްވެސް ޔަގީންކަމެއް ނުލިބޭކަން ފާހަގަކުރައްވަމުން، ”އެއް ބޭފުޅަކު 11,000 ރުފިޔާ ޖެހޭކަމަށް ބުނާއިރު އަނެއް ބޭފުޅަކު 7,000 ރުފިޔާ، އަދި އަނެއް ބަޔަކު 4,000 ރުފިޔާގެ ވާހަކަ ދައްކާ“ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުވެގެންދާނީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތުތައް ސާފުކޮށްދީގެންކަމަށް ވިދާޅުވަމުން، ހުރިހާ ސަރުކާރަކުން ވެސް މިފަދަ ކަންކަން އޮޅުވާލަމުންދާކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި މިލްކުވެރިކަން ލިބޭ ފްލެޓު އިމާރާތްކުރުމަށް ހިނގި އަސްލު ޚަރަދު، އެ ފްލެޓެއްގެ ވެރިފަރާތަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

