ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 1،202 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން ދިން މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް ޖުމްލަ 1،530 އެއްބަސްވުން ތާވަލުކުރެވި، އޭގެ ތެރެއިން 1،202 އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ބާކީ ހުރި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްވެސް މެދުނުކެނޑި ކުރިއަށްދާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފެށީ ޖުލައި 21 ވަނަ ދުވަހުއެވެ. މިނިވަން ދުވަހާ ގުޅިގެން އައި ސަރުކާރު ބަންދު ދުވަސްތަކަށްފަހު، އަލުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެފްޑީސީން ބުނާގޮތުގައި މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ނަމަވެސް، ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވަނީ ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިންކަމަށް އެފްޑީސީން ބުނެފައިވެއެވެ. އަދި މިކަން އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އަންގަމުންދާކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެފްޑީސީން އިތުރަށް ހާމަކުރިގޮތުގައި، ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރުކޮށް، މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރަކީ ސައްހަ މައުލޫމާތެއް ނޫންކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

