ފަލަސްޠީނު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ގާއިމްވަންދެން، އެ ޤައުމުގެ ޙައްގުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބެންޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދިވެހިންނާއި ފަލަސްތީނާ ދެމެދު އުޚުއްވަތްތެރި ގުޅުމެއް އޮތް ކަމަށެވެ. އަދި މަސްޖިދުލްއަޤްސާ އަދި ޣައްޒާގެ ދިފާއުގައި މަސައްކަތްކުރާ މުޖާހިދުންނަށްޓަކައި ދިވެހިން އަޑުއުފުލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކުށްވެރިކުރަން އިޒްރޭލުން ޣައްޒާގެ އަހުލުވެރިންނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އިޒުރޭލަށް ދެމުން ގެންދާ އެހީތެރިކަން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް،“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޣައްޒާގެ ހިސާރު ނައްތާލުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ގޮވާލައްވަމުން، މިނިސްޓަރު ޝަހީމް ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. އަދި ދުލުން ނުވަތަ މުދަލުން ނަމަވެސް، ކޮންމެ މީހަކަށްވެސް ބައިވެރިވެވެން އޮތް ގޮތަކަށް މި ޖިހާދުގައި ބައިވެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އިސްރާއީލުގެ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއްނެތް އާންމު ރައްޔިތުންނަށެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މިހާތަނަށް 240 އަށްވުރެ ގިނަ މީހުން ވަނީ ކާބޯތަކެތި ނުލިބި ޝަހީދުވެފައެވެ.

