މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ދަފްތަރުވެފައިވާ 25 މަސްވެރިއަކަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކޮށްފިއެވެ.
މިއީ މަސްވެރިންނަށް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ މިދިޔަ އެޕްރީލް 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، މެއި 1 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވެއެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މިހާރު ވަނީ އެމީހުންގެ އާމްދަނީއަށް ބިނާކޮށް، ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީތަކަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިފައެވެ.
މަސްވެރިކަމުގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމާއި، މަސްވެރިންނަކީ ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މީގެ އިތުރުން، މި ދަފްތަރަކީ މަސްވެރިންނަށް ބޭންކިންގ ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުހިންމު ވަސީލަތެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް، މި ދަފްތަރު އެކުލަވާލުމުގައި ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި، ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ހިމެނޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ބެލެވެއެވެ.

