ދައުލަތް މުޅިން މިސް މެނޭޖުކޮށް، ގައުމުގެ އިގްތިސާދު ހަލާކުކޮށްލުމަށް ފަހު އެމްޑީޕީ ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރުވުމާއި ގާތްވިއިރު އަމާޒުވާ އެންމެ ބޮޑު ފާޑުކިއުމަކީ އެކަށީގެންވާ މަޝްރޫއުތައް ކުރިޔަށް ނުދާކަމަށެވެ. އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް އިރު، އޭގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ސަރުކާރުން ފާހަގަކުރެ އެވެ. އަދި އަންނަ އަހަރަކީ ރާއްޖެއިން 500 މިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތީން އެއްފަހަރާ ދައްކައި ޖުމްލަ އެއް ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އަދާކުރަން ޖެހޭ އަހަރެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިތުރު ލޯނުތައް ނުނަންގަވައި، ފައިސާ ޗާޕު ނުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށެވެ. އަދި ދަތިތަކުން އަރައިގަނެވި، މަޝްރޫއުތައް ހިނގަން ފަށާފައިވާކަމަށް ވިދާޅުވި އެވެ.
ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުގެންދާކަމަށް، ނުވަތަ ޕްރޮޖެކްޓުތައް ހުއްޓިފައިވާކަމަށް ބުނެ އިދިކޮޅުން ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެވެ. ސަރުކާރު ފެށިގެން އައި އިރު ދަތިތައް ދިމާވި ނަމަވެސް މާލީ އެ ގޮންޖެހުންތަކުން އަރައިގަނެވިފައިވާކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވީ ސަރުކާރުން އެންމެ ބޭނުންވާ ހަލުވި ސްޕީޑުގައި ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންދެވޭކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިސާ ޗާޕުކޮށް، އެތައް ބަޔަކަށް ނުހައްގު މަންފާ ހޯދައިދެމުން ދިޔަކަން އެނގެން އެބައޮތްކަމަށް އައިފާން ވިދާޅުވި އެވެ. އޭރު ބިލިއަނުން ޗާޕު ކުރި ފައިސާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރުމާއި އެކު 2023 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ނެތް އެތައް މަޝްރޫއެއް ބަޖެޓުން ބޭރުން އިއުލާނު ކުރިކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ ދެ އިންތިހާބާއި ދިމާކޮށް ވެސް އެގޮތަށް ސަރުކާރުން ޕްރޮޖެކްޓުތައް އިއުލާނު ކުރި އެވެ.
އެ ދަތި މި އައީ.. ހިތުހުރި ގޮތަކަށް ބައްލަވާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށްފަ ފައިސާ ޗާޕުކުރަން ވެގެން މެޝިނު ޖައްސާފައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރި ކަމަކީ ކޮންމެ ރަށެއްގެ ޕްރޮޖެކްޓްތައް ފައިސާ ޗާޕުކުރަން ފަށާފަ އެކިއެކި ފަރާތްތަކާ ހަވާލުކޮށްލީ.. ދުރު ރާސްތާގެ ޕްލޭނެކޯ… ކޮން ދުރު ރާސްތާއެއްތޯ އޮތީ… ދިވެހި ދައުލަތަށް ވަންނަ ކޮން އާމްދަނީއެއްތޯ އޮތީ..
އައިފާން އިތުރަށް ވިދާޅުވީ ބަޖެޓުގައި ނެތް އެތައް ޕްރޮޖެކްޓްތަކެއް ވޯޓުގެ ބޭނުމުގައި އިއުލާނުކޮށް، ރައްޔިތުންނަށް އޮޅުވާލުމަށް އެ ޕްރޮޖެކްޓު ފެށިކަމަށް ދެއްކި ކަމަށެވެ. މިއީ ދުރު ރާސްތާގެ އެއްވެސް ޕްލޭނެއްގެ ނެތް، ދިވެހި ދައުލަތަށް ވަންނަ އެއްވެސް އާމްދަނީއަކާ ގުޅުމެއް ނެތި އިއުލާނު ކުރި ޕްރޮޖެކްޓުތައްކަމަށް ވެސް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވި ގޮތުގައި، އިންތިހާބަށް އެއްވެސް ހަމައެއް ލަމެއް ނެތި ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ހަރަދު ކުރުމުގެ ނަތީޖާއަކީ މިއަދު ދައުލަތް މިސްމެނޭޖުވެ، އިގްތިސާދު ހަލާކުވެ، އެކަމުން އަރައިނުގަނެވިގެން އުޅެންޖެހިފައިވުމެވެ.
އެމްޑީޕީ މިއަދު އިދިކޮޅުގައި އޮވެ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކަމުން ދަނީ އައިފާން ވިދާޅުވި ގޮތުގައި ގައުމަށް އިންތިހާއަށް ބޮޑެތި ގެއްލުންތައް ދިނުމަށް ފަހު އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ކޮންމެ އިގްތިސާދީ ގެއްލުމެއްގެ ޒިންމާ އެ ޕާޓީ ނަގަން ޖެހޭނެކަމަށް އައިފާން ވިދާޅުވި އެވެ.

