ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭފަދަ ޒަކާތުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޒަކާތު ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
ޝަހީމް ވިދާޅުވީ، މި ޒަމާނުގެ ހާޖަތްތަކާއި ޟަރޫރީ ކަންތައްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ޒަކާތުގެ ހައްގުވެރިންނަށް ކޮންމެ އަހަރަކު ކުރަންޖެހޭ ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން، އެމީހުންގެ ކަންތައްތަކާއި ހާޖަތްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޒަކާތުން އެ މީހުންނަށް ފުދުންތެރިކަން ހޯދައިދިނުމަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކުން ވެސް ތަންދޭކަމެއް ކަމަށެވެ. މިގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަކީ އިސްލާމިކް މިނިސްޓްރީ ގަބޫލުކުރާ ގޮތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ޒަކާތާ ބެހޭ އިދާރާއެއް ހިންގުމުން ދައުލަތަށް ބުރަ ބޮޑުވާނެ ކަމަށް ދެކޭތީ، އެކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެއީ ގޯސް ނަޒަރިއްޔާއެއްކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެސް ދިވެހިރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑެވެ.
ޒަކާތު ފަންޑުގެ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ލިބެމުންދާކަން ހާމަކުރައްވައި، މިނިސްޓަރ ޝަހީމް ވިދާޅުވީ، އާސަންދައާއި އަދި އެ ނޫން ވެސް ސަރުކާރުގެ ބޭސްފަރުވާ ކުރާ ނިޒާމުގެ ތެރެއިން ހަރަދު ނުކުރެވެން ހުންނަ ނުވަތަ މީހަކަށް ނުދެވި ހުންނަ ހުރިހާ ކަމެއްކޮށްދެނީ ޒަކާތު ފަންޑުން ކަމަށެވެ.
މިސާލު ނަންގަވައި ޝަހީމް ވިދާޅުވީ މީގެ ތެރޭގައި މިލިއަނުން ހަރަދުވާ ބޮޑެތި ފަރުވާތައް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ކިޑްނީ ޓްރާންސްޕްލާންޓް، ލިވަރ ޓްރާންސްޕްލާންޓް، ބޯން މެރޯ ޓްރާންސްޕްލާންޓް ފަދަ ފަރުވާތަކަށް ފުދުންތެރިކަން ނެތް މީހުންނަށް ނުވަތަ އާސަންދަ ނިޒާމް ކަވަރު ނުކުރާ ހުރިހާ ކަމަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭކަަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ބިލުތައް ފަގީރުންނާއި ފުދުންތެރިކަން ކުޑަ ހުރިހާ އެންމެންނަށް ވެސް ޒަކާތު ފަންޑުން އެހީފޯރުކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ވިދާޅުވޭ ޒަކާތާ ބެހޭ އިދާރާއަށް އަތުވެއްޖެ ނަމަ ދައުލަތަށް ބުރަ ބޮޑުވާނޭ… އެއީ ގޯސް ނަޒަރީއްޔާއެއް.. މިހާރުވެސް ދިވެހިރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑު.. އާސަންދައާއި އެނޫން ވެސް ސަރުކާރުގެ ބޭސްފަރުވާ ކުރާ ނިޒާމުގެ ތެރެއިން ހަރަދު ނުކުރެވެން ހުންނަ ނުވަތަ މީހަކަށް ނުދެވި ހުންނަ ހުރިހާ ކަމެއް މިކޮށްދެނީ ޒަކާތު ފަންޑުން.. މީގެ ތެރޭގައި މިލިއަނުން ހަރަދު ކުރޭ.. މީހުންގެ ޓްރާންސްޕްލާންޓަށް.. ކިޑްނީ ޓްރާންސްޕްލާންޓަށް.. ލިވަރ ޓްރާންސްލާންޓަށް.. މިހެން ގޮސް އާ ބޯން މެރޯއަށް.. މިފަދަ ކިތަންމެ ކަމަކަށް ފުދުންތެރިކަން ނެތް މީހުންގެ ނުވަތަ އާސަންދަ ނިޒާމް ކަވަރުނުކުރާ ހުރިހާ ކަމެއް އަދި ހޮސްޕިޓަލްތަކުގެ ބިލް ޕޭކުރުން ކަމުގައި ވިޔަސް ފަގީރުންނާއި ފުދުންތެރިކަން ކުޑަ ހުރިހާ އެންމެންނަށް އެބަ އެހީވޭ
މި ރަސްމިއްޔާތުގައި ދެން މިނިސްޓަރ ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޒަކާތުގެ ބިލާއި ގުޅޭގޮތުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ބިލު ގާނޫނަކަށް ވެގެންދިއުމުން، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމުޙުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ޒަމާނާއި އެއްވަރުގެ ޒަކާތުގެ ނިޒާމެއް ގާއިމްކުރެވިގެން ދިއުންކަމަށް ވެސް ފާހަގަކުރެއްވިއެވެ.

