ރަޝިއާއިންދަނީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަތިތައް ކުރިމަތިކުރަމުންކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި ރަޝިއާގެ ވެރިޔާ ޕުޓިންގެ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވާލުމުގައި އެމެރިކާއިން ގެންގުޅެމުންއައި ވިސްނުމަށް ބަދަލު އައިސްފައިވާކަމަށް ނޫސްތަކުން ރިޕޯޓުކުރަމުންދާއިރު ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ސޯޝްލްމީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޒެލެންސްކީ ވިދާޅުވީ، ސުލްހަ ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަޝިއާއިންދަނީ ދަތިތައް ކުރިމަތިވެގެންދާ ފަދަ އަމަލުތައް ހިންގަމުންކަމަށެވެ. އޭނާ ވިދާޅުވީ، އެތައް ފަހަރެއްގެ މަތިން ހަނގުރާމަ ހުއްޓާލުމަށްޓަކައި މަސައްކަތްތައް ކުރެވިފައިވާއިރު ރަޝިއާއިން ތަކުރާރުކޮށް ހުށައެޅުންތަކަށް ދެކޮޅު ހަދާފައިވާކަން ފެނިގެންދާކަމަށެވެ. އަދިވެސް އެ ގައުމުން ޔޫކްރެއިންގެ ރައްޔިތުން މަރަމުންދިއުން ހުއްޓާލާނެ ވަގުތެއް ނިންމާފައިނުވާކަމަށާއި އެހެންކަމުން ހާލަތު އިތުރަށް ގޯސްވެގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޓްރަމްޕާއި ދެމެދު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށްޓަކައި ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވާނެއިރު މި ބައްދަލުވުމުގައި އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި ހިޔާލު ހުށައަޅުއްވައި ބާރު އަޅުއްވާނެކަމަށް ޓްރަމްޕު ވިދާލުވެފައިވާކަން ނޫސްތަކުން ރިޕޯޓުކުރެއެވެ. ޓްރަމްޕު ވިދާޅުވިގޮތުން މިހާރު އޭނާ ގެންގުޅުއްވަނީ ވަގުތީ ސުލްހައެއް ގާއިމުކުރުމުގެ ބަދަލުގައި ދާއިމީ ގޮތެއްގައި އަމާންކަން ގާއިމުކުރެވިގެންދާނެ އެއްބަސްވުމެއް އެކުލަވާލުމުގެ ވިސްނުންފުޅެވެ. މިއީ ރަޝިއާގެ ރައީސް ޕުޓިން ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ޓްރަމްޕު ހިއްސާކުރެއްވި މައުލޫމާތުތަކެކެވެ.
ސޯޝަލްމީޑިއާގައި ޓްރަމްޕު ހިއްސާކުރެއްވި މައުލޫމާތުތަކަށާް ބަލާއިރު އާންމުކޮށް ވަގުތީގޮތުން ގާއިމުކުރާ ސުލްހައިގެ އެއްބަސްވުންތައް ދެމެހެއްޓިގެން ނުދެއެވެ. އެހެންކަމުން ނިންމާފައިވަނީ ރަސްމީ އަދި ދާއިމީ ގޮތެއްގައި އަމާންކަން ގާއިމުކުރެވިގެންދާނެ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

