އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނަށް ވިސާ ހަމަޖެއްސުމުގެ މަސައްކަތްތައް ހުއްޓާލައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާއިންވަނީ ޣައްޒާއިން އެ ގައުމަށް އެތެރެވުމަށް ދެމުންދިޔަ ވިސިޓާ ވިސާތައް ދޫކުރުން ހުއްޓާލާފައެވެ. އެކަން ކޮށްފައިވަނީ ރަނގަޅަށް މަސައްކަތްތައް ރިވިއުކުރުމުގެ މަގުސަދުގައިކަމަށް ބުނާއިރު މި ނިންމުން އައީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން ސޯޝަލްމީޑިއާގައި ހިންގި ކެމްޕެއިންތަކަކަށް ފަހުކަން ފާހަގަކުރެވެއެވެ.
ޓްރަމްޕަށް ތާއީދުކުރާ އިސް އެކްޓިވިސްޓަކައު އާންމުކުރިގޮތުން ރެފިއުޖީންކަމަށް ބުނާ ފަލަސްތީނުގެ ރައްޔިތުންތަކެއްވަނީ އެ ގައުމަށް އެތެރެވެފައެވެ. އަދި އިސްލާމް ދީނު ގަބޫލުކުރާ ހިޖުރަވެރިންތަކެއް އެ ގައުމަށް އެތެރެވާން ފުރުސަތު ދިނުމުން އެމެރިކާ ފަސްޓުގެ ނަމުގައި އޮތް ސިޔާސަތަށް ވެގެންދަނީ ކޮން ގޮތެއް ތޯ ސުވާލު އުފެއްދިއެވެ.
މި ޕޯސްޓަށް ޖަވާބުދިން މަޖިލީސް މެމްބަރުންތަކެއްވަނީ އެ ފުރުސަތު އޮތުމުން ގައުމީ ސަލާމަތަށް ނުރައްކާތައް ކުރިމަތިވާކަމަށް ސިފަކޮށްފައެވެ. ކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާގޮތުން ޣައްޒާއިން އަންނަ މީހުންނަށް ވިސާ ދިނުމުގެ މަސައްކަތްތައްވަނީ ހުއްޓާލާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަމުގެ ފުރިހަމަ ރިވިއުއެއް ހަދާނެއިރު ވިސާތަކެއް ދޫކުރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ސިއްހީ ބޭނުންތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ބައެއް ނޫސްތަކުން ބުނާގޮތުން އެމެރިކާއިންވަނީ ފަލަސްތީނުގެ ލިޔެކިއުންތައް ގެންގުޅުނު 640 ފަރާތަކަށް މި އަހަރުގެ މޭ މަހުގެ ތެރޭގައި ވިސިޓާރ ވިސާ ދޫކޮށްފައެވެ. ފަލަސްތީން ޗިލްޑްރެންސް ރިލީފް ފަންޑު ޖަމިއްޔާއިން ބުނާގޮތުން މި ފިއްތުންތަކުގެ ސަބަބުން ކުއްލި ސިއްހީ ފަރުވާއަށް ބޭނުން ޖެހިފައިވާ ކުޑަކުދިންނަށް އެ ގައުމަށް އެތެރެވުމަށް ހުރަސްއެޅިގެންދާކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ޣައްޒާގައި ތިބި ސިއްހީގޮތުން ބޭނުންޖެހިފައިވާ ކުދިން އެމެރިކާއަށް ގެނެސް ފަރުވާ ދޭން ކުރާ މަސައްކަތްތަކުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދާކަމަށެވެ.

