ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މަސްމާރުކޭޓުގެ މައްސަލައިގެ ހަޤީޤަތް: އެބުނާ ކޮންޓްރެކްޓަރާއެކު ކުރިއަށްދާން ނިންމީ 2025 ވަނަ އަހަރު މި ކައުންސިލުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރ ކަމުގައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވިއިރު މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވި، ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، ސިޓީ ކައުންސިލުގެ ރަސްމީ ލިޔެކިޔުންތަކުން ހާމަވަނީ މުޅިން ތަފާތު ޙަޤީޤަތެކެވެ. މި މައްސަލައާ ގުޅޭގޮތުން ދެކެވޭ ގިނަ ވާހަކަތަކަކީ ޙަޤީޤަތާ އެއްގޮތް ނޫން، އޮޅުވާލުމުގެ ނިޔަތުގައި ފަތުރާފައިވާ މަޢުލޫމާތު ކަމަށް ރަސްމީ ލިޔެކިޔުންތަކުން ސާފުވޭ.

އިޢުލާނާއި ބިޑިންގ ޕްރޮސެސް

މަސް މޭރުކޭޓު ކުއްޔަށް ދިން ގޮތާއި ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ފެތުރެމުންދާއިރު ”ސަންގު“ އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަސް މޭރުކޭޓު ކުއްޔަށް ދީފައި ވަނީ އިއުލާނު ކޮށްގެން ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިންނެވެ. އެގޮތުން މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނުގައި ހިމެނިފައިވަނީ ހަމައެކަނި މަސް މާރުކޭޓެއް ނޫނެވެ. އޭގެ އިތުރުން، އެތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ފިހާރައެއްވެސް ކުއްޔަށް ދިނުމަށް އިޢުލާނުގައި ހިމެނިފައިވެއެވެ. އެގޮތުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކުންފުންޏަށް ތަން ކުއްޔަށް ދިނީ މަހަކު 130،000ރ އަށެވެ. އެއީ މާރުކޭޓާއި ފުރަތަމަ ފިންގިފިލާގައިވާ ފިހާރައާއިއެކުގައެވެ. އެއްބަސްވުމުގައި ސޮއިކޮށް ކުންފުންޏަށް މަސް މާރުކޭޓު ހަވާލު ކުރި ނަމަވެސް ފިހާރަ މިއަދާއި ހަމައަށް ވެސް އެ ކުންފުންޏާއި ސިޓީ ކައުންސިލްގެ ފަރާތުން ހަވާލު ކޮށްފައެއް ނުވެއެވެ. މިކަމަކީ ކުލި ކުޑަކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މާރުކޭޓު ހިމެނޭ މުޅި ބިންގަނޑަށް އެކުގައި އަގު ކަނޑައެޅުނު އިރު، ފިހާރައިގެ ހާލަތަކީ ކުލި ކުޑަކުރަން ޖެހުނު އެއް ސަބަބު ކަމަށް ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

ކުލި ކުޑަކުރުމުގެ ޤާނޫނީ ހަމަތައް

ބިޑް ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއްގައި މާރުކޭޓު ކުއްޔަށް ދެވިފައި ވަނީ އެކަށީގެންވާ ސަބަބުތަކާ ހުރެއެވެ. ފުރަތަމަ ފަންގިފިލާގައި ހުރި ފިހާރަ މަރާމާތު ކުރެވިފައި ނުވުމުގެ ސަބަބުން، އެތަން ކުއްޔަށް ހިފި ފަރާތާ ހަވާލުކުރެވިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ބިޑް ކޮމިޓީން ކަނޑައެޅި ކުލިން 25,000 ރުފިޔާ އުނިކުރުމަށް ނިންމާފައިވަނީ ކައުންސިލުގެ ކޯޕަރޭޓް ސަރވިސް ކޮމިޓީގެ ހުއްދައާ އެކުގައެވެ. މިއީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ދެފަރާތަށް ވެސް މަންފާހުރި ގޮތަކަށް ނިންމާފައިވާ ނިންމުމެއްކަން ލިޔެކިޔުންތަކުން ސާފުވެއެވެ. ސަބަބަކީ އެއްބަސްވުމުގައި ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ބުނެފައިވާ ފިހާރަ ކުންފުންޏާއި ހަވާލު ކުރެވިފައި ނުވަނީ ސިޓީ ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީއެވެ.

ކޮވިޑް-19 ގެ އަސަރު

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން، މަސްވެރިކަމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މި ހާލަތާ ގުޅިގެން، އެހެން ވިޔަފާރިތަކެކޭ އެއްފަދައިން މަސް މާރުކޭޓުގެ ކުލިވެސް 70,000 ރުފިޔާއަށް ކުޑަކުރެވުނެވެ. މި ނިންމުން ނިންމާފައި ވަނީ ކައުންސިލުގެ ބައްދަލުވުމެއްގައި 17 މެންބަރުންގެ ތެރެއިން 11 މެންބަރުންގެ ރުހުމާ އެކުގައެވެ. މި ނިންމުމަކީ ވަކި ފަރާތަކަށް ޚާއްޞަކޮށް ދެވުނު ލުޔެއް ނޫންކަމަށް ރަސްމީ ލިޔެކިޔުންތަކުން ހާމަވެއެވެ.

ޔުޓިލިޓީ ބިލްތަކުގެ މައްސަލަ

މާރުކޭޓުގެ ކަރަންޓާއި ފެނުގެ ބިލްތަކާ ގުޅޭގޮތުން ފާޅުކުރެވޭ ކަންބޮޑުވުންތަކަށް ބަލާއިރު، އިޢުލާނު ކުރެވުނު ހިސާބުން ފެށިގެން އެއްބަސްވުން އެކުލަވާލެވުނު ހިސާބާ ހަމައަށްވެސް ހުރިހާ ލިޔެކިޔުންތަކުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ މާރުކޭޓަށް ބޭނުންވާ ކަރަންޓާއި ފެން ފޯރުކޮށްދޭނީ ސިޓީ ކައުންސިލުންކަމަށެވެ. މިއީ އެއްބަސްވުމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނިފައިވާ ކަމެއް ކަމަށާއި، މިކަމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ވެސް ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުކުރެވެއެވެ.

ރައީސް މުއިއްޒުގެ މޭޔަރ ކަމުގައި މަސް މޭރުކޭޓު ހަވާލު ކުރި ކުންފުނީގެ އެއްބަސްވުން އައު ކުރުމަށް މޭޔަރ އާދަމް އާޒިމް ނިންމުން

މާރުކޭޓާއި ގުޅޭ ގޮތުން ”ސަންގު“ އަށް ލިބުނު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާލެ ސިޓީގެ މޭޔަރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވިއިރު މާރުކޭޓު ކުއްޔަށް ދީފައިވާ ކުންފުންޏަށް އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލަށް ހުށައަޅާ ފާސްކޮށްފައިވެއެވެ. އެ ހުށައެޅުން ކައުންސިލަށް ހުށައެޅުއްވީ މާލެ ސިޓީގެ މިހާރުގެ މޭޔަރ އާދަމް އާޒިމްއެވެ. އާޒިމްގެ އެ ހުށަހެޅުން ފާސްވީ ކައުންސިލްގެ އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ މިއަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 187 ވަނަ ޖަލްސާގައެވެ. އަދި ޖަލްސާގައި ނިންމި ނިންމުމާއި އެއްގޮތަށް އެކަން ތަންފީޒު ކުރުމަށް އާދަމް އާޒިމް ސޮއި ކުރައްވައި ކަމާއި ގުޅޭ ކޮމިޓީއަށް އެންގިކަން ސަންގަށް ލިބިފައިވާ ލިޔެކިއުންތަކުން ސާފުވެ އެވެ.

ނިންމުން

މާލޭ ރޯމަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވާކަން ރަސްމީ ލިޔެކިޔުންތަކުން ފާހަގައެއް ނުކުރެވެއެވެ. ކުލި ކުޑަކުރެވިފައިވަނީ އެކަށީގެންވާ ސަބަބުތަކާ ހުރެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، އަދި ކަމާބެހޭ ފަރާތްތަކުގެ ހުއްދައާ އެކުގައިކަން ކަށަވަރުވެއެވެ. މި މައްސަލައާ ގުޅޭގޮތުން ދެކެވޭ ޙަޤީޤަތާ ޚިލާފު ވާހަކަތަކަކީ ރަސްމީ މަޢުލޫމާތާ ފުށުއަރާ، އޮޅުވާލުމުގެ ނިޔަތުގައި ފަތުރާފައިވާ ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ފާހަގަކުރެވޭ މުހިންމު ނުކުތާތަކުގެ ތެރޭގައި:

  1. މާރުކޭޓު ކުއްޔަށް ދިނުމުގެ އިޢުލާނުގައި ފިހާރައެއްވެސް ހިމެނިފައިވުން.
  2. ފިހާރައިގެ ހާލަތާ ގުޅިގެން ކުލި ކުޑަކުރުމަށް ނިންމާފައިވުން.
  3. ކޮވިޑް-19 ގެ އަސަރާ ގުޅިގެން އިތުރަށް ކުލި ކުޑަކުރެވިފައިވުން.
  4. ކުލި ކުޑަކުރުމުގެ ނިންމުންތައް ނިންމާފައި ވަނީ ކަމާބެހޭ ކޮމިޓީތަކާއި ކައުންސިލުގެ ހުއްދައާ އެކުގައިކަން.
  5. ޔުޓިލިޓީ ބިލްތަކާ ގުޅޭ އެއްބަސްވުން ބަދަލުކޮށްފައިނުވާކަން.
  6. މާރުކޭޓު ކުއްޔަށް ދީފައިވާ ކުންފުންޏަށް އިތުރު އެއް އަހަރަށް ތަން ދިނުމަށް 2025 ވަނަ އަހަރު ނިންމާފައިވާކަން

 

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް ބަލާއިރު، މާލޭ ރޯމަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގެ މައްސަލައިގައި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން އެނގެއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ދެކެވޭ ޙަޤީޤަތާ ޚިލާފު ވާހަކަތަކަކީ ރަނގަޅު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަން ސާފުވެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: