ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ދަށުން ހައުސިންގއަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށް، ލިސްޓެއް މިނިސްޓްރީން އާންމުކުރަން ލާޒިމްކުރުވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
ބޯހިޔާވެހިކަމުގެ ބިލުގެ 51 ވަނަ މާއްދާއަށް ގެނެވޭ މި އިސްލާހުގެ ދަށުން، ސޯޝަލް ހައުސިންގ ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓެއް މިނިސްޓްރީ އޮފް ހައުސިންގއިން އާންމުކުރުން ލާޒިމްވެގެންދާނެއެވެ.
މި އިސްލާހުގެ ދަށުން އާންމުކުރަންޖެހޭ ލިސްޓުގައި، ކުރިމަތިލާ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް ހިމެނެންޖެހޭނެއެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު ވަކިން އެނގެން އޮންނަންވާނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާ ސަބަބުތައްވެސް ބަޔާންކުރަންޖެހޭނެއެވެ.
އަދި ހަމައެހެންމެ، ކޮންމެ ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތުވެސް މިނިސްޓްރީން އާންމުކުރަންޖެހޭނެއެވެ. މި އިސްލާހު ގެނައުމުގެ މަޤްސަދަކީ ސޯޝަލް ހައުސިންގ ޕްރޮގްރާމްތަކުގެ ދަށުން ގެދޮރު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ހާމަކަން ބޮޑު އުސޫލެއް ގެންގުޅުމެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، ސޯޝަލް ހައުސިންގ ޕްރޮގްރާމްތަކުގެ ދަށުން ގެދޮރު ލިބޭ ފަރާތްތައް ހޮވުމުގައި ޢަމަލުކުރާ އުސޫލުތަކާއި، ޕޮއިންޓް ދެވޭ ގޮތް އާންމުންނަށް އެނގި، މި ކަންކަމުގައި ޖަވާބުދާރީވުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

